ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގެންފި

އިންޑިއާއަށް ވަޑައިގަންނަވާ ވަފުދު: އަބްދުއްރަހީމް އެ ގައުމަށް ވަޑައިގަންނަވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ވެރިންގެ ދައުވަތަކަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

މަޖިލީހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ލޮކް ސަބާގެ ރައީސް އޯމް ބިރުލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި، މަޖިލީހުގެ ނުވަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
  • ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
  • ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
  • ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދު
  • ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ހަމީދު
  • ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް
  • ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ހަބީބް

އަބްދުއްރަހީމް އެ ދަތުރުފުޅުގައި އޯމް ބިރުލާއާއި ޖަގްދީޕް ދަންކަރުގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނާއެކު އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާއިރު، އެ މަނިކުފާނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގުޅުން ގޯސްވެފައިވާ ކަމަށް އަބްދުއްރަހީމް މި ފަހުން ވިދާޅުވެފައިވެއެވެ. އެއީ، އެ މަނިކުފާނުގެ ދަރިކަލުން އިބްރާހީމް ފައިސަލް، މިދިޔަ މަހުގެ 28ގައި ކުއްލި ގޮތަކަށް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވުމުންނެވެ.

ފައިސަލް މަގާމުން ވަކިކޮށްފައިވާކަން އެންގެވިއިރު އަބްދުއްރަހީމް ހުންނެވީ ގައުމުން ބޭރުގައެވެ. ނަމަވެސް އެ ޚަބަރާއެކު އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތެވެ. އޭގެ ފަހުން، އަބްދުއްރަހީމް ސަރުކާރުން އެކަހެރިކޮށްފައިވާ ކަމަށާއި މަޖިލީހުގެ ރައީސްކަމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ފެންމަތިވިއެވެ. ނަމަވެސް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

https://sun.mv/202289

މި ސަރުކާރުން ވެރިކަމަށް އައީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނެ ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިނާއެކު ކަމަށްވެފައި، ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ނައިބު ވަޒީރުންތަކެއް އެގައުމުގެ ވެރިންނާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

އެއާއެކު އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން މިދިޔަ އަހަރު ކެމްޕެއިނެއް ފަށައި، އެގައުމުގައި ރާއްޖޭގެ މަގުބޫލުކަން ދަށަށް ދިޔައެވެ.

އެއަށް ފަހު މި ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، އެކަން ކާމިޔާބުވެފައިވާ ކަމަށް ވެސް ބުނެފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށްމިދިޔަ ޖޫން މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް