މާރާމާރީ ހިންގަން އުޅެނިކޮށް ހިފެހެއްޓި 17 އަހަރުގެ ކުއްޖާ ފަސް ދުވަހަށް ބަންދު ކޮށްފި

މާރާމާރީ ހިންގަން އުޅުނު މައްސަލއިގައި ފުލުހުން ހައްޔަރުކުރި މއ. ރިހިވިލާ އުމުރުން 23 އަހަރުގެ އަހްމަދު މާނިއުއާއި ގދ. ގައްދޫ ފަނޑުނުވާގޭ އުމުރުން 18 އަހަރުގެ މުހައްމަދު އަޔާން --- ފޮޓޯ/ ފުލުހުން

މާލޭ މަގުމަތީގައި މާރާމާރީ ހިންގަން އުޅެނިކޮށް އަތުލައިގަތް 17 އަހަރުގެ ކުއްޖާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މއ. ރިހިވިލާ އުމުރުން 23 އަހަރުގެ އަހްމަދު މާނިއުއާއި ގދ. ގައްދޫ ފަނޑުނުވާގޭ އުމުރުން 18 އަހަރުގެ މުހައްމަދު އަޔާންގެ އިތުރުން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ބުނެފައެވެ.

އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު މާނިއުއާއި މުހައްމަދު އަޔާންގެ ބަންދަށް 15 ދުވަސް ޖެހި ކަމަށާއި 17 އަހަރުގެ ކުއްޖާގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މާރާމާރީއެއް ހިންގަން އުޅުނު ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެއެވެ.

https://sun.mv/202367

ނަމަވެސް، މި މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް، ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ ހުޅުމާލޭގައި ކޯރާޑިއަކުން މާރާމާރީއެއް ހިންގުމަށް ފަހު، ފިލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފިލައިގެން މާލެ ދާން އުޅެނިކޮށް ހައިވޭ މަތިން ވެސް ހިފަހައްޓައި ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ހައިވޭމަތިން ހިފަހައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި ދުވަސްވަރު މާލޭ ސަރަހައްދުގައި ހިންގާ މާރަމާރީތައް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް