މާރާމާރީއެއް ހިންގަން އުޅުނު ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރޭ 20:17 ހާއިރު މާލޭގެ ވައިލެޓް މަގު ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތްކުރުމާ ގުޅިގެން ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް، މި މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް، އަދި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ވަނަވަރެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ރޭ ފުލުހުން ވަނީ ހުޅުމާލޭގައި ކޯރާޑިއަކުން މާރާމާރީއެއް ހިންގުމަށް ފަހު، ފިލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފިލައިގެން މާލެ ދާން އުޅެނިކޮށް ހައިވޭ މަތިން ވެސް ހިފަހައްޓައި ހައްޔަރުކޮށްފައެވެ.
މި މާރާމާރީގައި އެކަކަށް އަނިޔާވިއިރު، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ، މާރާމާރީގައި ކޯރަޑިއަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހުއްޓުވީ ހައިވޭމަތިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ހައިވޭމަތިން ހިފަހައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.