މަސްތުވާތަކެތި ބޭނުންކޮށް، ޖުވާކުޅުމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ 38 ފިރިހެނުން ޑީޕޯޓްކުރަނީ

އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ބިދޭސިއަކާ ސުވާލުކުރަނީ: މަސްތުވާތަކެތި ބޭނުންކޮށް، ޖުވާކުޅުމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ 38 ފިރިހެނުން ޑީޕޯޓްކުރަނީ --- ފޮޓޯ/ ފުލުހުން

ދިވެހި ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅުމާއި ޖުވާކުޅުމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ 38 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ ކުރަނގި ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައި، ތިން އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ހައްލެއް ގެނައުމަށް އަމާޒު ހިފާފައެވެ.

  • މަސްތުވާތަކެއްޗާއި ޖުވާކުޅުމުގެ ތުހުމަތުގައި 38 ބަންގްލަދޭޝް މީހުން ހައްޔަރުކޮށްފި
  • ޑީޕޯޓްކުރުމަށްޓަކައި އެމީހުން ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި
  • މިއީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް
  • ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގި ފަށާފައި

މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ 38 ފިރިހެނުން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިރޭ ބުނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 38 ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ފުލުހުން ބުނީ އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށްޓަކައި، މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޑްރަގް ވިޔަފާރިއާއި މާރާމާރީ ހިމެނޭހެން ބޮޑެތި ކުށްތަކަށް ބިދޭސީން އަރައިގަންނަ މިންވަރު ވެސް ރާއްޖޭގައި ދަނީ ބޮޑުވަމުންނެވެ.

މީގެ އިތުރުން ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަަރާކާތްތެރިވާ ބިދޭސީންގެ މައްސަލަ ވެސް ވަކި މަދެއް ނޫނެވެ. މި ސަރުކާރުން ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ބުނެފައެވެ.

އެ މައްސަލައަށް ހައްލެއް ގެނެސް، ބިދޭސީންގެ ބަޔޮމެޓްރިކް އެއްކޮށް، ނުގަވައިދަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތުތައް އެނގި، ދިވެހީންނަށް ޒިންމާ ކުރެވޭނެ ބިދޭސީންނަށް ވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް