ފަނޑިޔާރެއްގެ މައްސަލަ ބަލާކަން ނުވަތަ ނޫންކަން ވެސް ޖޭއެސްސީން ނުބުނި

ޖޭއެސްސީ: ފަނޑިޔާރެއްގެ މައްސަލަ ބަލާކަން ނުވަތަ ނޫންކަން ޖޭއެސްސީން ކަށަވަރުކޮށްނުދިން ---- ފޮޓޯ/ޕީއެސްއެމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުން ދޭތޯ ނުވަތަ ނޫންތޯ ވެސް ނުބުނެވޭނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، ބަދަލުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފާއި އިތުރު ސިޔާސީ ބަޔަކު އެ ތަނަށް ލާން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

އެ ތުހުމަތާ ގުޅުވައި 'ސަން'އިން ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް އާމިނަތު ނަދާއާ ސުވާލުކުރުމުން ވިދާޅުވީ، އެ ކޮމިޝަންގެ މީޑިއާ ޕޮލިސީ އޮންނަ ގޮތުން، ވަކި ފަނޑިޔާރެއްގެ ޝަކުވާ ހުށަހަޅައިގެން އެ މައްސަލައެއް ބެލި ކަމަށް ވިޔަސް އެކަމުގެ މައުލޫމާތު މިހާރު ނުދޭ ކަމަށެވެ.

ނަމަވެސް، މައްސަލައެއް ބެލުމަށް ފަހު ފަނޑިޔާރަކަށް ފިޔަވަޅު އަޅާނަމަ، އެ މައުލޫމާތެއް ހާމަކުރަމުން އަންނަކަން ނަދާ ވަނީ ފާހަގަކުރައްވާފައެވެ.

ސުޕްރީމް ކޯޓު: އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކޮށް، ސިޔާސީ ބަޔަކު ލާން އުޅޭ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

އަޅުގަނޑުމެން ޖޭއެސްސީގެ މީޑިއާ ޕޮލިސީ އޮންނަ ގޮތުން، މިހާރު ވަކިވަކި ފަނޑިޔާރުންގެ ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅުނަސް އަދި ކޮމިޝަނުން އެ ޝަކުވާ ބެލިކަމުގައި ވިޔަސް އޭގެ އެއްވެސް މައުލޫމާތެއް މީޑިއާއަކަށް ނުއެއް ދެން އިނގޭތޯ. އެކަމަކު، ޖޭއެސްސީގެ ފަރާތުން ފަނޑިޔާރެއްގެ މައްސަލަ ބަލާފައި ފިޔަވަޅު އަޅާނަމަ އެ މައުލޫމާތު ހާމަކުރަމުން މިދަނީ. އެ މިންވަރަށް އަޅުގަނޑުމެނަށް މައުލޫމާތު ދެވެން އޮތީ،ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް އާމިނަތު ނަދާ

އެ މައުލޫމާތު ދިނުމަށް ޖޭއެސްސީން ދެކޮޅު ހެދިއިރު، އެމްޑީޕީގެ އެ ތުހުމަތުތައް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ވަނީ ދޮގުކުރައްވާފައެވެ.

އެ މައްސަލައިގައި ފަލާހު 'ސަން'އަށް އިއްޔެ ވަނީ އެމްޑީޕީން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/202378

"މިހާތަނަށް ނުވެސް ވަޑައިގަންނަވާ މި ވަރުގެ ރައީސެއް. އެނގިވަޑައިގަންނަވާނެ ބާ ކައުންސިލްގައި ވެސް ކުރީގައި އިންނަވާނެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ބަންޑާރަނައިބު. އެ ވެސް އެ އޮތީ ހަމަ ގާނޫނަކުން އެ މަނިކުފާނު ސަރުކާރުގައި ރިމޫވްކޮށްފައި ދެއްތޯ. އެހެންވީމާ އެކަން އެހެނެއް ނުކުރައްވާނެ ކަނޑައެޅިގެން ދޮގެއް އެއީ ހަމަ އިނގޭތޯ،" ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކޮށްފައެވެ.

އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއް ކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފައެވެ.

ޖުޑިޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑިޝަރީއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަަޅެއްކަމަށް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް