މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އެ މިނިސްޓްރީގެ ވަޒީރަކަށް ތޯރިގް އިބްރާހީމް އައްޔަންކުރެއްވުމާއެކު ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުވައްފިއެވެ.
މިއަދު މަޖިލީހުގައި ވަނީ އެ މައްސަލައިގައި ރައީސް ފޮނުއްވި ސިޓީފުޅު ތަޅުމުގައި އިއްވައިފައެވެ. އެއާއެކު އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދައިކުރާ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ދެ މިނިސްޓްރީ އެއްކޮށްލައި، ޠާރިގާ މިނިސްޓަރުކަން ހަވާލުކުރެއްވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކުރުމަށްފަހުގައެވެ.
މި ބަދަލާއެކު ޠާރިގު ވިދާޅުވީ، މިހާރު ދުނިޔޭގައި ސަސްޓެއިނެބަލް ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަން ވަރަށް މަގުބޫލް ކަމަށެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ އަދާކުރާ ދައުރު ބޮޑުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ ގުރުދަތުން ރާއްޖޭގެ ސަރަހައްދަށް ލިބިފައިވާ ރީތިކަމެވެ. އެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގެނައި ބަދަލާއެކު، ތިމާވެއްޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމުން، ފުރުސަތުތައް ގިނަވާނެ ކަމަށެވެ.
އަދި ސަރުކާރަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.