އިޒްރޭލުން ސޮމާލީލޭންޑު ބަލައިގަތުން ކުށްވެރިކޮށް ރާއްޖެއިން ބުނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމަށް

ފޮރިން މިނިސްޓަރު ޚަލީލް: ވިދާޅުވީ އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަންނަން ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ސޮމާލިއާގެ ދައުލަތާ ދެކޮޅަށް ބަޣާވާތްކުރުމަށް ފަހު, އެ ގައުމުން ވަކިވެގަނެގެން އުޅޭ "ސޮމާލީލޭންޑް"އަކީ މިނިވަން ގައުމެއްކަމަށް ޔަހޫދީ އިޒްރޭލުން ގަބޫލުކުރުން ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި 22 ވަނަ އިތުރު އާންމު ބައްދަލުވުމުގައި ވަނީ، ސޮމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވީ، އިޒްރޭލުގެ މި ނިންމުމަކީ ސޮމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ، ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށާއި، މި ނިންމުން އދ ގެ ޗާޓަރާ ފުށޫއަރާ ކަމަށެވެ.

މީގެ އިތުރުން މެދުއިރުމައްޗަށް އަލިއަޅުވާލައްވައި ޚަލީލް ވިދާޅުވީ، ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގާނޫނަށް އިޒްރޭލުން އިހުތިރާމް ނުކުރާކަމީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އެގޮތުން ފަލަސްޠީނުގެ ބިންތައް ހިސޯރުކޮށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކުރައްވައި ޚަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ ރާއްޖެ ފަދަ ބައިނަލްއަގުވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ރާއްޖޭގެ އިތުރުން ޢަރަބި އިސްލާމީ ގައުމުތަކުން ވެސް ވަނީ އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަތުން ކުށްވެރިކޮށް ބަޔާން ނެރެފައެވެ.

https://sun.mv/215954

ސޮމާލީލޭންޑްއަކީ 1991 ވަނަ އަހަރު ސޮމާލިއާގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ވާދަވެރި ފަރާތްތަކުން ކުރި ބަޣާވާތާ އެކު އެގައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔުމާއެކު ބާޣީ ޖަމާއަތްތަކުން ދައުލަތުގެ ނިޒާމާ ވަކިވެގަނެ އެ ގައުމުގެ އުތުރުގައި އުފެއްދި ބާޣީ އެންޓިޓީއެކެވެ. އެ ހިސާބުން މި އެންޓިޓީ ވަނީ ރިޕަބްލިކް އޮފް ސޮމާލީލޭންޑްގެ ނަމުން އެ ސަރަހައްދަށް ނަންދީ ޣައިރު ގާނޫނީ ގޮތުން މިނިވަންކަން އިއުލާނުކޮށްފައެވެ. ފާއިތުވި 34 އަހަރު ދުނިޔޭގެ އެއްވެސް ގައުމަކުން ސޮމާލީލޭންޑަށް އިއުތިރާފު ވެފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ހަފުތާގައި އިޒްރޭލުން ވަނީ ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް އިއުތިރާފުވެފައެވެ.

އިޒްރޭލުން ސޮމާލީލޭންޑަށް އިއުތިރާފުވެފައި ވަނީ ސޮމާލިޔާގެ ބާޣީ ލީޑަރު އަދި ސޮމާލީލޭންޑުގެ ވެރިޔާ އަބްދުއްރަހްމާން މުހައްމަދު އަބްދުﷲ އިސްރާއީލަށް ގޮސް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރާ ބައްދަލުކުރުމަށް ފަހު، މި ތިން މީހުން ސޮއިކޮށް ނެރުނު ބަޔާނެއްގައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އަރަބި އިސްލާމީ ގައުމުތަކުން ސޮމާލީލޭންޑް ނިކަމެތިކޮށް ބާކީކޮށްލާފައިވަނިކޮށް، އިޒްރޭލުން އެ ގައުމަށް އިއުތިރާފުވެ އެ ގައުމުގެ މުސްލިމު ރައްޔިތުން ބަލައިގެންފައިވާކަމަށް ބުނެ ވާހަކަދައްކައިފައެވެ. އިޒްރޭލުން ސޮމާލީލޭންޑަށް ޑިޕްލޮމެޓިކް ގޮތުންނާއި މާލީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިވެ މިނިވަން ގައުމެއްގެ ގޮތުގައި އެ ގައުމު ދެމަހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

comment ކޮމެންޓް