މި ފެށޭ އަހަރު ޣައްޒާގައި އެހީ ދޭ ޖަމިއްޔާތައް ހުއްޓުވާނެ ކަމަށް އިސްރާއީލުން ބުނެފި

ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އެހީ ފޯރުކޮށްދޭ ތަނަކުން ކާބޯތަކެތީގެ ހޯދުމަށް ކުޑަކުދިންތަކެއް އެއްވެފައި.ފޮޓޯ/އޭއެފްޕީ

އާ ރަޖިސްޓްރޭޝަން ގަވާއިދުތަކަށް އަމަލު ނުކުރާ ކަމަށް ބުނެ، ޑޮކްޓާސް ވިތައުޓް ބޯޑާސް އާއި ކެއާ ހިމެނޭ ގޮތަށް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ގިނަ ޖަމިއްޔާތަކެއް ހަރަކާތްތެރިވުން މި ފެށޭ އަހަރު ހުއްޓުވާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އާ ރަޖިސްޓްރޭޝަން ގަވާއިދުގެ މަގުސަދަކީ ހަމާސް އާއި ހަނގުރާމަވެރި އެހެން ޖަމާއަތްތައް އެހީދޭ ޖަމިއްޔާތައް ހިންގާ ތަންތަނަށް ވަދެ ނުކުމެވޭނެ ގޮތް ހުއްޓުމަކަށް ގެނައުމެވެ. ނަމަވެސް އެ ގަވާއިދުތަކަކީ އިސްރާއީލުން އަމިއްލައަށް ނިންމާ ގަވާއިދުތަކެއް ކަމަށާއި އެކަމުގެ ސަބަބުން އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންޖެހިފައިވާ އާންމުންނަށް ގެއްލުންވާނެ ކަމަށް އެހީ ދޭ ޖަމިއްޔާތަކުން ބުނެއެވެ.

ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ ތަކެތި ހަމާސް އިން ބޭނުންކުރާ ކަމަށް ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުން ތުހުމަތުކުރެއެވެ. ނަމަވެސް އެހީ ދޭ ޖަމިއްޔާތަކާއި އދ. އިން ވެސް އެކަން ދޮގުކުރެއެވެ.

މިއަހަރު ކުރީކޮޅު އިސްރާއީލުން އާންމުކުރި އާ ގަވާއިދުގެ ދަށުން އެހީދޭ ޖަމިއްޔާތަކުން ޣައްޒާގައި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތެރިންގެ ނަން ރަޖިސްޓްރީކޮށް ފައިސާ އާއި އޮޕަރޭޝަންތަކާ ބެހޭ ތަފްސީލު ދޭން ޖެހެއެވެ.

އާ ގަވާއިދުތަކުގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް ބޮއިކޮޓް ކުރުމަށް ގޮވާލާ، އިސްރާއީލުގެ ސިފައިން ނުވަތަ ލީޑަރުންނާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުގައި ހުށަހެޅި އެއްވެސް މައްސަލައަކަށް ތާއީދު އޮތްކަން ހާމަކުރި ޖަމިއްޔާތައް ޑިސްކޮލިފައި ކުރުން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދެއް. ފޮޓޯ/އޭޕީ

އިސްރާއީލުގެ މިނިސްޓްރީ އޮފް ޑައިސްޕޯރާ އެފެއާޒުން ބުނީ 30 އަށް ވުރެ ގިނަ ޖަމިއްޔާއިން އާ ގަވާއިދަށް އަމަލު ނުކުރާ ކަމަށާއި އެ ޖަމާއަތްތަކުގެ އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށެވެ. އަދި ޣައްޒާގައި ހަރަކާތްތެރިވާ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް ޖަމާއަތް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ބައެއް މުވައްޒަފުންނަކީ ހަމާސް ނުވަތަ އިސްލާމިކް ޖިހާދާ ގުޅުން ހުރި ބައެއް ކަމަށްވެސް އިސްރާއީލުން ތުހުމަތުކޮށްފައިވެއެވެ. އާ ގަވާއިދަށް އެމީހުން އަމަލު ނުކުރާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އެކަމާ ގުޅިގެން އެ ޖަމިއްޔާ އިން ބުނީ އިސްރާއީލުން މި ނިންމުމުގެ ސަބަބުން އެ ޖަމިއްޔާއިން ޣައްޒާގައި ކުރާ މަސައްކަތަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި އެ ޖަމިއްޔާގެ މުވައްޒަފުންނާ މެދު އިސްރާއީލުން ކުރާ ތުހުމަތުތައް ވެސް ދޮގުކޮށްފައިވެއެވެ.

އެމެރިކާ މިސްރު އަދި ގަތަރު މެދުވެރިގެން ޣައްޒާގައި އިސްރާއީލުން ކުރަމުންދިޔަ ހަނގުރާމަ މިދިޔަ އޮކްޓޫބަރު މަހުން ނިމުމަކަށް ގެނައި ނަމަވެސް، އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އެކި ވަރުގެ ހަމަލާތައް ދެމުންނެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތަށް އޮތް ނަމަވެސް އެކަމަށްވެސް ގިނަ ހުރަސްތަކެއް ހުރި ކަމަށް އެހީ ދޭ ޖަމިއްޔާތަކުން ބުނެއެވެ.

އެހެންވެ އަންނަ އަހަރު އެހީ ދޭ ޖަމިއްޔާތަކަށް ޣައްޒާގައި ހަރަކާތްތެރިވުން މަނާކޮށްފިނަމަ، މަދު މުވައްޒަފުންގެ އެހީގައި އެހީ ފޯރުކޮށްދިނުން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް