ކޯރަޑިއަކުން ހަމަލާދީ މީހަކު ޒަޚަމުކޮށްލާފައި ފިލަން އުޅުނު 2 މީހުން ހައިވޭމަތިން ހައްޔަރުކޮށްފި

މާރާމާރީ ހިންގުމަށް ފަހު ފިލަން އުޅެނު ދެމީހުން ފުލުހުން ހައްޔަރުކުރަނީ --- ފޮޓޯ/އެމްވީ ކްރައިސިސް

ހުޅުމާލޭގައި ކޯރާޑިއަކުން މާރާމާރީއެއް ހިންގުމަށް ފަހު، ފިލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފިލައިގެން މާލެ ދާން އުޅެނިކޮށް ހައިވޭ މަތިން ހިފަހައްޓައި ރޭ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނެކެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ވަނީ، ހުޅުމާލޭ ބޯގަންވިލާ މަގުގެ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީފައިވާ މައްސަލައެއް ރޭ 23:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.

މި މާރާމާރީގައި އެކަކަށް އަނިޔާވިއިރު، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ، މާރާމާރީގައި ކޯރަޑިއަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހުއްޓުވީ ހައިވޭމަތިން ކަމަށެވެ.

އެގޮތުން، އެ ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރާއި ވަޅިއެއް ފެނުނު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ހައިވޭމަތިން ހިފަހައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

comment ކޮމެންޓް