ޗައިނާއިން އުފައްދާފައިވާ ފިލްމެއް ޗައިނާގައި އެކަނި އަޅުވައިގެން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި ބޮކްސް އޮފީހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރެކޯޑެއް ހަދައިފިއެވެ.
ޗައިނާގެ ސިނަމާތަކުގައި މިވަގުތު އެއްވަނައިގައި އޮތީ މަގުބޫލު ވެފައިވާ އެނިމޭޓެޑް ފްރެންޗައިޒް ނޭޖާގެ ދެވަނަ ބައެވެ. މިއީ 2019 ވަނަ އަހަރުގެ ފިލްމުގެ ކާމިޔާބީއަށްފަހު ޗައިނާގެ ޗެންގްޑޫ ކޮކޯ ކާޓޫނުން ނެރުނު ދެވަނަ ފިލްމެވެ.
މި ފިލްމު ވަނީ ފިލްމު އެޅުވިތާ 11 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފައެވެ. އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަކީ ފިލްމު އިންޑަސްޓްރީގައި މިހާރު އާ ކަމެއް ނޫނެވެ. ހޮލީވުޑް އެތައް ފިލްމުތަކެއް ވަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައެވެ.
ނަމަވެސް ނޭޖާ ޚާއްސަވާ ސަބަބަކީ މި ފިލްމު، އެއް ބިލިއަން ޑޮލަރު ހޯދާފައިވަނީ ޗައިނާގައި އެކަނި އަޅުވައިގެން ކަމަށްވާތީއެވެ. އެންމެ ގައުމަކުން އެކަނި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާތީއެވެ. މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް މިފަދަ ރެކޯޑެއް ހޯދި ފިލްމެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ބޮކްސް އޮފީހުގެ މަގާމު އެތައް އަހަރެއް ވަންދެއް ހިފަހައްޓާފައިވަނީ ހޮލީވުޑެވެ. ނަމަވެސް އެ މަގާމު ހޮލީވުޑް އަތުން ގެއްލިދާނެކަމުގެ ވާހަކަތައް ދެކެވޭތާ މިހާރު ދެތިން އަހަރެއް ވެއްޖެއެވެ. ނޭޖާގެ ކާމިޔާބީއަކީ އެކަން އެންމެ ބޮޑަށް ފެނުނު އެއް ހެއްކެވެ.
ނޭޖާއަކީ ޖިއާއޮޒީ ޑައިރެކްޓުކޮށް ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ފިލްމެކެވެ. މި ފިލްމުގައި ފެންނާނީ ނޭޖާ ކިޔާ ޗައިނާގެ ކުރީގެ ފުލޯކު ވާހަކަތަކުން އުފެދިގެން އައި ކެރެކްޓަރެއް ބާރުތައް ހޯދުމަށް އުޅޭ ގޮތެވެ. ހުރިހާ އުމުރުގެ މީހުންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން މި ފިލްމުގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.