ޓްރަމްޕް މަރު ދެކެ ބިރުގަނެ 'ދީންވެރި'ވާން ފަށައިފި: ރިޕޯޓު

އެމެރިކާގައި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އިންތިޒާމުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވި -- ފޮޓޯ/ ގެޓީ

ވޮޝިންޓަން (8 ފެބްރުއަރީ 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްކުޅިވުމާ އެކު މަރު ދެކެ ބިރުގަންނަ މިންވަރު ބޮޑުވެ، އެ މަނިކުފާނުގެ އަގީދާއަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޓައިމްސް"އިން ބުނެފިއެވެ.

ޓްރަމްޕްގެ އަގީދާއާ އޭނާގެ "އީމާން"ތެރި ކަމާ ބެހޭ ގޮތުން އޭނާގެ އަރިސް ފަރާތްތަކާ ހަވާލާދީ ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ކުރިން ޓްރަމްޕަކީ އިލްމާނީ، ލާދީނީ ފިކުރުގެ މީހެކެވެ. ދީނަށް މާ ބޮޑަށް ފަރުވާތެރިކަމެއް ނުބަހައްޓާ އަދި ނަސާރާއިންގެ އަޅުކަމުގެ ކަންކަމުގައިވާ ފައްޅިތަކުގެ މާސްތަކުގައި ވެސް ބައިވެރިވާ ބޭފުޅެއް ނޫނެވެ. ނަސާރާ ދީނުގެ އިއުތުގާދުތަކަށް ވެސް މާ ބޮޑަށް އިހުތިރާމުކުރައްވާ ބޭފުޅެއް ނޫނެވެ.

ނަމަވެސް، މިހާރު އޭނާ ވަނީ ބަދަލުވެފައެވެ. ޓްރަމްޕްގެ މި ސުލޫކަށް ބޮޑެތި ބަދަލުތަކެއް އައިސް ނަސާރާއިންގެ މާސްތަކުގައި ބައިވެރިވެ، ނަސާރާ ދީނުގެ ފަންޑަމެންޓަލް އިއުތިގާދުތައް މިހާރު ޓްރަމްޕް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށާއި އެ އިއުތުގާދުތަކަށް ޓްރަމްޕް އީމާންވާ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމުގައެވެ.

މީގެ އިތުރުން، ޓްރަމްޕް މިހާރު ގެންދަވަނީ ނަސާރާ ދީނުގެ ފާދިރީންނާއި ނަސާރާ ދީނުގައި ވަރަށް ދީންވެރިކޮށް އުޅޭ ދީންވެރިންނާ ގާތްވަމުންނެވެ. އެ މީހުންނާ އެކު ވައިޓް ހައުސްގައި ސައިފޮދު (ހައި ޓީ) ހިއްޕަވައި ވަގުތު ހޭދަކުރައްވަން ފައްޓަވާފައެވެ.

ޓްރަމްޕް ނަސާރާ ފަދިރީ އެއްގެ ކައިރިން ނަސާރާއިންގެ ދީނީ ކަންކަން އޮޅުން ފިލުއްވަނީ

މި ހައި ޓީ ބައްދަލުވުންތަކުގައި މަރުވުމަށް ފަހު ދެންވާނެ ގޮތްތަކާމެދު އެ މީހުންގެ ކައިރިން ކަންކަން ސާފުކުރައްވައި އެ މީހުންގެ ބަސް ވަރަށް ފަރުވާތެރިކަމާ އެކު ޓްރަމްޕް އައްސަވާކަމަށްވެއެވެ. އެ މީހުން ގަބޫލުކުރާ ދީނީ ބޯދާކަންކަން ވެސް ޓްރަމްޕް މިހާރު ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށް މި ރިޕޯޓް ބުނެއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ވެސް ދީނީ ކަންކަން ވަރަށް ބޮޑަށް ފެނުނެވެ. އެ ރަސްމިއްޔާތުގެ ފަހު ބަޔަކަށް އޮތީ ނަސާރާ ފާދިރީންނާއި ޔަހޫދީ އަހްބާރުން ގެނަސް އެ މީހުން ލައްވައި "ދުއާ"ތައް ކުރުމުގެ ކަންތައްގަނޑެކެވެ.

ރިޕޯޓްތައް ބުނާގޮތުން ދުއާކުރަން އެމެރިކާގެ މުސްލިމް ޝައިޚަކު ގެންނަން ވެސް ޓްރަމްޕް އުޅުއްވިއެވެ. ނަމަވެސް، އެ ޝައިޚަށް ޝަރުތުކުރި ކަމަށްވަނީ ދުއާކުރުމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ދެ ޖަމާއަތްކަމަށް ސިފަކުރުމެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ މަސައްކަތާއި އިސްލާމް ދީނުގައި އޮންނަ ޖިހާދާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކަމާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަކީ އިސްލާމް ދީން ހުއްދަ ނުކުރާ ލޭ އޮހޮރުވުމުގެ އަމަލެއްކަމަށް ބަޔާން ކުރުމެވެ. މިކަން މިގޮތަށް ކުރަން ޝައިޚް ދެކޮޅު ހެއްދެވުމުން އޭނާއަށް ދިން ދައުވަތު ކެންސަލްކުރީ ކަމަށްވެއެވެ.

ޓްރަމްޕް ވަނީ ނަސާރާއިންނާ ދެކޮޅަށް ބައެއް އިސްލާމީ ގައުމުތަކުގައި "އެންޓި ކްރިސްޓިއަން ބަޔަސް" އޮންނަ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވުމަށްޓަކައި ނަސާރާއިންގެ ދީނީ އޮފީހެއް ވައިޓްހައިސްގައި އުފެއްދުމަށް ނިންމަވައި އެކަން އިއުލާންކުރައްވައިފައެވެ.

މި އޮފީހުގެ މެންޑޭޓް ނުވަތަ މަސައްކަތަކަށް ވެގެންދާނީ ނަސާރާ ދީނަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނަކީ ނަސާރާ ދީނުގެ މީހެކެވެ. ނަމަވެސް، ނަސާރާއިންގެ ތެރޭގައި އޮންނަ މަޒުހަބުތައް އެ މަނިކުފާނު ގަބޫލުނުކުރައްވާ ކަމަށާއި އެ މަނިކުފާނަކީ ނޮން ޑިނޯމިނަޝަނަލް ކްރިސްޓިޔަން ނުވަތަ އެއްވެސް މަޒުހަބަކަށް ނިސްބަތް ނުވާ ނަސާރާއެއް ކަމުގައެވެ.

ނަސާރާއިންގެ ތެރޭގައި އޮންނަ މަޒުހަބުތަކަކީ ނަސާރައިންގެ މެދުގައި ފިތުނައާއި ބައިބައިވުންތައް އުފައްދާ އެއްޗެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.

އެމެރިކާގެ ގިނަ ނަސާރާއިންނަކީ ޕްރޮޓެސްޓަންޓް މަޒުހަބަށް ނިސްބަތްވާ މީހުންނެވެ. އެމެރިކާގެ ނަސާރާއިންގެ ތެރޭގައި ކެތަލިކް މަޒުހަބުގެ މީހުން ވަރަށް މަދެވެ. ޓްރަމްޕްގެ ނައިބު ނުވަތަ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސަކީ ވެސް ނަސާރާ ދީނުގެ ވަރަށް ބޮޑު ދީންވެރިއެކެވެ.

އޭނާއަކީ ކެތަލިކް މަޒުހަބުގެ މީހެކެވެ. އޭނާއަކީ ސިހުރު ވެސް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ބޭފުޅެއްކަމަށް ވެެއެވެ. އެމެރިކާގެ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޖޭޑީ ވާންސް ވަނީ ޓްރަމްޕް އިންތިޚާބު ކާމިޔާބުކޮށްފާނެތީ އެ ކަމާ ދެކޮޅަށް ޓްރަމްޕްގެ ވާދަވެރިޔާ ކަމަލާ ހަރިސް ސިހުރު ހައްދަވާ ކަމަށް ވިދާޅުވެފައެވެ.

ކަމަލާ ސިހުރު ހައްދަވަނީ އެމެރިކާގެ އެންމެ މަޝްހޫރު ސިހުރުވެރިންނަށް ބޮޑު އެއްޗެއް ދީގެން ކަމަށް ވެސް އެ ދުވަސްވަރު ޖޭޑީ ވާންސް ވިދާޅުވެފައިވެއެވެ. ކަމަލާ ވަނީ މިކަން ދޮގު ކުރައްވައިފައެވެ.

comment ކޮމެންޓް