ވާހަކަ ދައްކަން ބޭނުންނަމަ ފުރަތަމަ އެމެރިކާ ޖެހޭނީ ހަމަބިމަށްތިރިވެ ސުލޫކު ރަނގަޅުކުރަން: އީރާން

އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން

ތެހެރާން (12 މާޗް 2025) : އީރާނާ ވާހަކަ ދައްކަން ބޭނުންވާނަމަ ފުރަތަމަ އެމެރިކާ ޖެހޭނީ ހަމަބިމަށް ތިރިވެ އެމެރިކާ އަޚުލާގާއި ސުލޫކު ރަނގަޅު ކުރަންކަމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން ވިދާޅުވެއްޖެއެވެ.

ބަޒެޝްކިޔާން އާ ހަވާލާދީ އީރާނުގެ ރަސްމީ މީޑިއާ ބުނާގޮތުން އީރާނަށް ބިރުދައްކައި އިންޒާރުދީ އަދި ބުލީ ކުރުމުގެ ސިޔާސަތު އެމެރިކާ ގެންގުޅޭހާ ހިނދަކު އީރާނުން އެމެރިކާއާ ވާހަކައެއް ނުދައްކާނެއެވެ. އީރާނުގެ މި ނިންމުމާމެދު އެމެރިކާއަށް ފެންނަ ގޮތަކަށް އަމަލުކުރިނަމަވެސް އީރާނުގެ ސްޓޭންޑް ބަދަލުނުވާނެ ކަމަށާއި އެމެރިކާދެކެ ބިރުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ބަޒެޝްކިޔާން ވިދާޅުވިގޮތުގައި އެމެރިކާވެސް އަދި އިސްރާއީލުވެސް އީރާނަށް ހަމަލާދޭނަމަ އީރާނުން ރައްދު ހަަމަލާ ދޭނެއެވެ. ހަމަލާދީފައި އެމެރިކާއަށް ވެސް އަދި އިސްރާއީލަށް ވެސް ފިލައިގެން ނުދެވޭނެއެވެ. އީރާނުގެ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހޭނެއެވެ. ރައްދުގައި އީރާނުން ހަމަލާދޭނެ އެމެރިކާއާއި އިސްރާއީލުގެ ތަންތަން ވަރަށް ރަނގަޅަށް ފާހަގަ ކޮށްފައިވާނެ ކަމަށާއި އެތަންތަނަށް އީރާނުގެ ހަމަލާތައް އަރާނެ ކަަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

ބަޒެޝްކިޔާން ވިދާޅުވިގޮތުގައި އީރާނާ ވާހަކަދައްކާ ފެންވަރަށް އެމެރިކާ މައިތިރިވެ ސުލޫކާއި އަޚުލާގު ރަނގަޅު ކުރިނަމަވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލުމުގެ ވާހަކަތަކެއް އަދި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމާއި ޒަމާނީ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުުމުގެ ޕްރޮގްރާމުތައް ހުއްޓާލުމުގެ ވާހަކަތަކެއް އެމެރިކާއާއެކު އީރާން ނުދައްކާނެއެވެ.

އީރާނުގެ ރައީސް މިހެން ވިދާޅުވީ އީރާނަށް އޮތީ އެ ގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލުމާބެހޭގޮތުން އެމެރިކާއާ ވާހަކަ ދެއްކުން ނޫނީ އީރާނުގެ ދުވަސް ދުއްވާލުން މި ދެ ގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރުންކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ދެއްވި އިންޒާރަށް ރައްދު ދެއްވަމުންނެވެ.

ޓްރަމްޕްގެ މި އިންޒާރަށް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީވެސް ރައްދު ދެއްވިއެވެ. އިރަގްޖީ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ނިއުކްލިޔާ ޓެކްލޮޖީ ތަރައްގީ ކުރުމުގެ ޕްރޮގްރާމެއްކަމަށާ ސުލްހަވެރި ބޭނުންތަކަށް ނިއުކްލިޔާ ޓެކްލޮޖީ ތަރައްގީ ކުރުމުގެ ހައްގަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން އެހެންގައުމުތަކަށް ލިބޭގޮތަށް އީރާނަށްވެސް ލިބިގެންވާ ހައްގެއްކަމުގައެވެ.

އެމެރިކާ ނޫނީ އިސްރާއީލު ނޫނީ ޔޫރަޕް އެދިގެން މި ހައްގު ދޫކޮށް ނުލެވޭނެކަމަށް ވެސް އިރަގްޖީ ވިދާޅުވިއެވެ. އެމެރިކާގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ސުލްހަވެރި ޕްރޮގްރާމަކަށް ހެދުމަށްޓަކައި ވާހަކަ ދެއްކުންކަމަށްވާނަމަ އެ ވާހަކަތައް ދެއްކުމުގެ ބޭނުން ނެތްކަމަށްވެސް އިރަގްޖީ ވިދާޅުވިއެވެ. ސަބަބަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ މިހާރުވެސް ސުލްހަވެރި ނިއުކްލިޔާ ޕްރަގްރާމެއް ކަމަށްވާތީއެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ނޫން ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ކަނޑައަޅާފައި ނުވާކަމަށް ވެސް އިރަގްޖީ ވިދާޅުވިއެވެ.

ޓްރަމްޕް އެދިވަޑައިގަތް ގޮތަށް އެމެރިކާއާ ވާހަކަދައްކަން ބޭނުން ނުވާކަން އީރާން ހާމަކުރުމުން ޓްރަމްޕް ވަނީ މިމައްސަލާގައި އަދި އިތުރަށް ވިސްނުމަށް އީރާނަށް ގޮވާލައްވާފައެވެ. އެހެން ނޫނީ އީރާނަށް އަމާޒުވާ ގޮތަށް ނަރަކައިގެ ދޮރުތައް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ޝަރުތަކާ ނުލައި އެމެރިކާއާއި އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތަށްވެސް ގޮވާލައި އެކަން އެގޮތަށް ނުކޮށްފިނަމަ ހަމާސް އާއި ޣައްޒާއަށް އަމާޒުކޮށް ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް ޓްރަމްޕްގެ ގޮވާލެއްވުމާ އެގޮތަށް ހަމާސް އަމަލުނުކުރުމުން އޭގެ ދެ ހަފުތާފަހުން ޓްރަމްޕް ވަނީ އޭނާގެ ޚާއްސަ މަންދޫބަކު ގަތަރަށް ފޮނުވައިގެން އެމެރިކާގެ އަސީރުން މިނިވަން ކުރުމަށްޓަކައި ހަމާސް އާއެކު ސުލްހައިގެ ވާހަކަތައް ފައްޓަވާފައެވެ.

comment ކޮމެންޓް