ހަމާސްއާ ގުޅޭ ގޮތުން އެމެރިކާއިން ތަފާތު ވާހަކަތަކެއް

އެމެރިކާގެ ރައީސްގެ މަންދޫބު އެޑަމް ބޮލާ

ދައުހާ (10 މާޗް 2025): ހަމާސް ޖަމާއަތަކީ ޝައިތާނީ ޖަމާއަތެއް ނޫންކަމަށާއި ހަމާސްގެ މެންބަރުންނާއި އެޖަމާއަތުގެ ލީޑަރުންނަކީ ބޮލުން ދަޅުފަޅާފައި ތިބި އިބިލީހުން ނޫނީ ޖަނަވާރުން ނޫންކަމަށް ހަމާސް އާ އެކު މަޝްވަރާކުރަމުން ގެންދާ އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބު އެޑަމް ބޮލާ ވިދާޅުވެއްޖެއެވެ.

ބޮލާ ވިދާޅުވިގޮތުގައި ހަމާސްގެ ލީޑަރުންނާ ބައްދަލުކުރައްވައި އޭނާ ކުރެއްވި މަޝްވަރާތަކުން އެނގުނީ ހަމާސްގައި ހިމެނެނީ ވަރަށް ރަނގަޅު ބައެއް ކަމަށާއި އެއީ ދައްކާ ވާހަކަ ކަނުލައި އަޑު އަހާ ބަައެއްކަމަށާއި އެެހެން ފަރާތަތަކާއެކު މަޑުމައިތިރިކޮށް މުއާމަލާތް ކުރާ ބައެއްކަމުގައެވެ. މިއީ ހަމާސްއާ ބެހޭގޮތުން އެމެރިކާ މީގެކުރިން ދުވަހަކު ވެސް ބުނެފައިނުވާ އަދި ބުނާނެކަމަށް ލަފާކުރަން ވެސް ދަތި ވާހަކަތަކެކެވެ.

ބޮލާ ވިދާޅުވިގޮތުގައި ހަމާސް އާ ވާހަކަ ދައްކަންޖެހޭ ހާލަތެއްގައި އެމެރިކާ އެކަން ކުރާނެއެވެ. ބޮލާ ވިދާޅުވި ގޮތުގައި އޭނާ އިސްކޮށް ހުންނަވައިގެން އެމެރިކާ ސަރުކާރުން ހަމާސް އާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުން ގެންދާތީ އިސްރާއީލު ރުޅިގަދަ ވެފައިވާކަމަށާ ހަމާސް އާ ވާހަކަ ދެއްކުން ވަގުތުން ހުއްޓާލުމަށް އިސްރާއީލު ވަޒީރެއްކަމަށްވާ ރޮން ޑިރުމިރު އޭނާއަށް ފޯނުކޮށްފައި އެންގި ކަމުގައެވެ. ނަމަވެސް ހަމާސް އާ ވާހަކަ ދެއްކުމަކީ މިވަގުތު އެމެރިކާއަށް މަސްލަހަތު ހުރިކަމަކަށްވާތީ އިސްރާއީލުގެ ގޮވާލުންތަކަށް ބެލުމެއްނެތި އެކަން ކުރިޔަށް ގެންދާނެކަމަށް ބޮލާ ވިދާޅުވިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއެކު ސީދާ ގޮތެއްގައި އެމެރިކާ މަޝްވަރާ ކުރަމުން ގެންދަނީ ހަމާސްގެ އަތްދަށުގައިވާ އަސީރުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ އަސީރަކު މިނިވަން ކުރުމާބެހޭގޮތުންކަމަށްވެސް ބޮލާ ވިދާޅުވިއެވެ. މިމައްސަލާގައި ބޮލާ ވިދާޅުވީ އެހެން އަސީރުންނާ ވަކިން، އަދި ޚާއްސަ ހާލަތެއްގެ ތެރެއިން އެމެރިކާގެ އަސީރު މިނިވަން ކުރުމާބެހޭ މަޝްވަރާތައް ސީދާ ގޮތެއްގައި ހަމާސް އާއެކު ގަތަރުގައި ކުރަމުން ގެންދާކަމަށާއި މި މަޝްވަރާ ތަކާމެދު އޭނާ ހިތްހަމަ ޖެހޭ ކަމުގައެވެ.

ހަމާސްގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވަނީ އެޖަމާއަތުގެ އިސް ވެރިއެއްކަމަށްވާ ޑރ. ޚަލީލް އަލް ހައްޔާ އެވެ. އެމެރިކާގެ ފަރާތުން އެމެރިކާގެ ރައީސްގެ މަންދޫބު އެޑަމް ބޮލާ އެވެ. މީގެކުރިންވެސް މިދިޔަ ހަފުތާގައިވެސް އެމެރިކާ ވަނީ ހަމާސް އާއެކު ސީދާ ގޮތެއްގައި މަޝްވަރާތައް ބާއްވާފައެވެ. އެ މަޝްވަރާތަކާމެދުވެސް ހިތްހަމަޖެހޭކަން ބޮލާ ވަނީ ހާމަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމާސް ޖަމާއަތުގެ އަތްދަށުގައިވާ އަސީރުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ އަސީރު މިނިވަން ކުރުމުގެ މަޝްވަރާތައް ކުރިޔަށްދަނީ އިސްރާއީލާ ނުލައި އެމެރިކާއާއި ހަމާސް އާ ދެމެދު ހަދާ ޑީލެއްގެ ދަށުން އެމީހާ މިނިވަންކުރާ ގޮތަށެވެ. މިފަދަ ޑީލެއްގެ ދަށުން އެމެރިކާގެ އަސީރު މިނިވަން ކުރެވިއްޖެނަމަ ހަމާސް އާއި އެމެރިކާއާ ދެމެދު އިތުބާރު އުފެދިގެންދާނެކަމަށް އެދެފަރާތުން ދެކޭކަމަށްވެއެވެ.

ހަމާސްގެ އަތްދަށުގައިވާ 95 އަސީރުންގެ ތެރެއިން ގިނަ ބަޔަކު ޑީލެއްގެ ދަށުން މިނިވަން ކޮށްފައިވާއިރު މިހާރު ދޫނުކޮށް ތިބީ 95 އަސީރުންނެވެ. އޭގެތެރެއިން ދިރިތިބި މީހުންނަކީ 23 އެވެ. ހަމާސްގެ އަތްދަށުގައި ވަނީ އެމެރިކާގެ ދިރިހުރި އެންމެ އަސީރެކެވެ. ނަމަވެސް އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ އެމެރިކާގެ 4 އަސީރެއްގެ ހަށިތައް ހަމާސް ގެ އަތްދަށުގައިވެއެވެ.

ހަމާސް އާއެކު އެމެރިކާ މަޝްވަރާ ކުރާކަމަށްވަނީ އެޖަމާއަތުގެ އަތްދަށުގައިވާ އެމެރިކާގެ ދިރިހުރި އަސީރު މިނިވަންކުރުމަށެވެ. އަނެއް ހަތަރު އަސީރުންގެ މަރުވެފައިވާ ހަށިތައް މިނިވަން ކުރުން މިމަޝްވަރާ ތަކުގައި ހިމެނޭކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާ ސީދާ ގޮތެއްގައި ހަމާސް އާއެކު މަޝްވަރާތައް ފެށުމުން އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ތަނަންޔާހޫ ބޭނުންވަނީ އިސްރާއީލު ބޭނުންނުވާ އެއްވެސް ފަރާތަކާއެކު އެމެރިކާ މުއާމަލާތް ނުކުރުމަށެވެ. މީގެތެރޭގައި އީރާންވެސް ހިމެނެއެވެ. އީރާނާއެކު ސީދާ ގޮތެއްގައި މަޝްވަރަން އެމެރިކާ ހުށަހަޅާފައިވާތީވެސް އިސްރާއީލުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އެމެރިކާގެ މަންދޫބު އެޑަމް ބޮލާ ވިދާޅުވިގޮތުގައި އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އެމެރިކާ ބޭނުންވާ ކޮންމެ ފަރާތަކާއެކު އެމެރިކާ މަޝްވަރާ ކުރާނެއެވެ. މިކަމާމެދު އިސްރާއީލު ދެކޮޅު ހެދިނަމަވެސް އެމެރިކާ އިސްކުރާނީ އެމެރިކާގެ އަމިއްލަ މަސްލަހަތުކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިސްރާއީލާ ދެކޮޅަށް މިހާތަނަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވާ ވާހަކައެއް ނޫނެވެ.

އެމެރިކާގައި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާއި ލޮބީ ތަކާއި ޒަޔަނިސްޓް މަހުޖަނުންނާއި އެމީހުންގެ ކުންފުނިތަކުގެ ބާރާއި ނުފޫޒު އިންތިހާއަށް ގަދަކަމުން އިސްރާއީލު ދެކޮޅު ހަދާކަމެއް ކުރުމަކީ މިހާތަނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ކެރިފައިވާ ކަމެއް ނޫނެވެ.

comment ކޮމެންޓް