އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ހުރިހާ ޕްރޮގްރާމްތަކުގެ 83 އިންސައްތަ ހުއްޓާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
އެކަން އެގޮތަށް ކުރަން ނިންމީ "އެމެރިކާ ފަސްޓް" އެޖެންޑާއާ އެއްގޮތަށް ޚަރަދުތައް ހަމަޖެއްސުމުގެ ގޮތުން، ހަ ހަފުތާގެ ރިވިއުއަކަށް ފަހު ކަމަށް ވެސް ރޫބިއޯ ވިދާޅުވިއެވެ.
"މިހާރު ބާތިލުކޮށްފައިވާ 5،200 ކޮންޓްރެކްޓުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރީ އެމެރިކާގެ މައިގަނޑު ގައުމީ މަސްލަހަތު ހިމާޔަތް ނުވާ ގޮތަށް،" ރޫބިއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ބާކީ 1000 ޕްރޮގްރާމް ހިންގާނީ ކޮންގްރެސްގެ މަޝްވަރާއާ އެކު ސްޓޭޓް ޑިޕާޓްމަންޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔޫއެސްއެއިޑް ރަސްމީ ވެބްސައިޓުގައިވާ ގޮތުން ޔޫއެސްއެއިޑަކީ ކާރިސާތަކުން އަރައިގަނެ، ފަގީރުކަމުން ސަލާމަތްވާން މަސައްކަތްކުރާ، އަދި ޑިމޮކްރެޓިކް އިސްލާހުތަކުގައި ބައިވެރިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ މައިގަނޑު އިދާރާއެވެ. އެ އިދާރާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ގާތްގަނޑަކަށް 120 ގައުމެއްގައި ސިއްޚީ އަދި އިމަޖެންސީ ޕްރޮގްރާމްތައް ހިންގައެވެ.
ޔޫއެސްއެއިޑް ބަންދުކުރުމަށް ގޮވާލައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ ޖެނުއަރީ މަހު ރިޔާސީ އަމުރެއްގައި ސޮއިކުރައްވައި، ބޭރުގެ ޚަރަދުތައް ދެނެގަތުމަށް ވަގުތު ދިނުމުގެ ގޮތުން އެމެރިކާގެ ބޭރުގެ ހުރިހާ އެހީއެއް މެދުކަނޑާލަން އަންގަވައިފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހު ވަނީ ޔޫއެސްއެއިޑްގެ ކޮންޓްރެކްޓްތަކުގެ 92 ޕަސެންޓް ބާތިލުކުރަން ނިންމާފައިވާކަން އިއުލާނުކޮށް، ހިލޭ އެހީގެ 5،800 ޕްރޮގްރާމެއް ހުއްޓާލަން ނިންމައިފައެވެ.