ޖަމާލުއްދީން ސްކޫލްގެ ކުރީގެ ދަރިވަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމަށް ތައުރީފުކޮށް އެ ސްކޫލުން ކުރި ޕޯސްޓެއް ޑިލީޓް ކުރުމުން، ސަރުކާރުން ތައުލީމީ ނިޒާމު ސިޔާސީ ކޮށްފައިވާ މިންވަރު ހާމަވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ, އެ ސްކޫލުން ތައުލީމު ހާސިލްކޮށްފައިވާ ކުރީގެ ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކުރަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހިއްސާކޮށްފައިވަނީ މީކާއީލާ ގުޅޭ މައުލޫމާތެވެ.
އެ ޕޯސްޓުގައިވަނީ މީކާއީލް ޖަމާލުއްދީން ސްކޫލުގައި ތައުލީމު ހާސިލްކުރި ދުވަސްތަކުގެ ވާހަކައާއި އިތުރަށް ހޯދި ސަނަދުތަކާއި މަޖިލީހުގައި ކޮށްފައިވާ މަސައްކަތްތަކުގެ ވާހަކައެވެ. ނަމަވެސް ހަމަ އެ ދުވަހު އެ ސްކޫލުން ވަނީ އެ ޕޯސްޓު ނަގައިފައެވެ.
މީކާއީލް ތުހުމަތު ކުރައްވާފައިވާ ގޮތުގައި ޖަމާލުއްދީން ސްކޫލުން އެ ޕޯސްޓު ނެގީ، އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އެންގުމުންނެވެ.
އެކަމާ ގުޅޭ ގޮތުން ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މީކާއިލަކީ ޖަމާލުއްދީން ސްކޫލު ހުރިހާ ގޮތަކުން ވެސް ފަޚުރުވެރިވާ އިސް ދަރިވަރެއް ކަމަށެވެ. އަދި އެފަދަ ދަރިވަރެއްގެ މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށްފަހު, އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕްލެޓްފޯމްތަކުން ފްރޮފައިލް ނެގުމުން, މިސަރުކާރުން ތައުލީމީ ނިޒާމް ސިޔާސީ ކޮށްފައިވާ މިންވަރު ވަރަށް ވެސް ރަނގަޅަށް ހާމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާމެދު ދަރިވަރުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދި، މީކާއިލްގެ އަބުރަށް ހުތުރުވާގޮތަށް ކަމަށެވެ.
"އުގަންނައިދޭ މަރުކަޒުތަކުގެ ތެރެއަށް މިސަރުކާރުން ސިޔާސީ ނުފޫޒު ވެއްދުމަކީ އަދުގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޝާހިދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެ، ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.
މި މައްސަލައިގައި ބުރާސްފަތި ދުވަހުގެ ރޭ މީކާއީލް "ސަން"އަށް ވިދާޅުވެފައިވަނީ، ޖަމާލުއްދީން ސްކޫލުން ޕޯސްޓް ޑިލީޓްކޮށްފައިވަނީ އެޑިއުކޭޝާން މިނިސްޓްރީން އަންގައިގެން ކަމަށް، އެ ޕޯސްޓް ހެދުމަށް މައުލޫމާތު ހޯދި ފަރާތުން ބުނެފައިވާ ކަމަށެވެ.
ޖަމާލުއްދީން ސްކޫލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ސްކޫލުން ބުރާސްފަތި ދުވަހުގެ ރޭ 12:00 ޖަހަން އުޅެނިކޮށް ނެރުނު ބަޔާނެއްގައިވަނީ ޕޯސްޓު ނެގީ މިނިސްޓްރީން ޕްރެޝާކޮށްގެން ނޫން ކަމަށާއި، އެކަންކުރީ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަންނުޖެހޭފަދަ އަމަލުތަކެއް މީކާއިލްގެ ފަރާތުން ފެނުމުން ކަމަށް ބުނެފައެވެ.
އެ ބަޔާނަށް ރައްދު ދެއްވައި މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "ރަސްމީ ބަންދު ދުވަހެއްގެ ދަންވަރު 12 ޖަހާ ބޮޑުވިފަހުން ސްކޫލަށް އަމުރުކޮށްގެން ބަޔާން ނެރުމުން އަކެނިވެސް، މި ސަރުކާރުގެ ސިޔާސީ ނުފޫޒު ސްކޫލަށް ފޯރުވާ މިންވަރު ސާފު"ވާ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި އެމްޑީޕީން ވެސް ވަނީ މީކާއީލްގެ އެ ޕޯސްޓު ޑިލީޓުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެފައެވެ.