ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ، އެމްއެންޔޫގެ ފިޝަރީޒް ކޮލެޖު އައުޓް ރީޗް ސެންޓަރު ޤާއިމުކޮށް ހިންގުމަށްޓަކައި ގއ.ކޮލަމާފުށިން ދޫކޮށްފައިވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެކަމަށް ހާއްސަކޮށްގެން މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ހަފުލާގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި އެއްބަސްވުމުގައި ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

ގައުމީ ޔުނިވާސިޓީގެ ފިޝަރީޒް ކޮލެޖު އެޅުމަށް ބިން ހަވާލުކޮށްފި -- ފޮޓޯ/ އެމްއެންޔޫ
މި އެއްބަސްވުން އެކުލަވައިލައިފައި ވަނީ، އެމްއެންޔޫއާއި ކޮލަމާފުށީ ކައުންސިލާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުއެވެ. މި ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރު ވެގެންދާނީ ކޮލަމާފުށްޓަށާއި މުޅި ހުވަދޫ އަތޮޅަށް ކުރިއެރުން ގެނުވައިދޭނެ ބޮޑު މަޝްރޫއަކަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ފަނަރަ ހާސް އަކަފޫޓުގައި ޤާއިމު ކުރާ އައުޓް ރީޗް ސެންޓަރުން ދިރާސާތައްކޮށް، ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

ގައުމީ ޔުނިވާސިޓީގެ ފިޝަރީޒް ކޮލެޖު އެޅުމަށް ބިން ހަވާލުކޮށްފި -- ފޮޓޯ/ އެމްއެންޔޫ
އަދި މި މަޝްރޫއެގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއްލިބ،ި ކޮލަމާފުށި އަދި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއްލިބިގެންދާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެއެވެ.