އެމެރިކާގެ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ޓިކްޓޮކް އެޕް ޑައުންލޯޑް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓިކްޓޮކުން ހުކުރު ދުވަހު ބުނެފައިވަނީ އެމެރިކާގައި އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕެކޭޖް ކިޓްތަކުގެ ޒަރީއާއިން އެޕް ޑައުންލޯޑްކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. މިއީ އެމެރިކާގައި މި މަޝްހޫރު ޕްލެޓްފޯމްގެ މައްޗަށް އަޅާފައިވާ ހުރަސްތައް ފަހަނައަޅައި ދިއުމަށް ކުރާ މަސައްކަތެކެވެ.
ޖެނުއަރީ 19 ވަނަ ދުވަހު އެމެރިކާގައި ޢަމަލުކުރަން ފެށި ޤާނޫނެއްގެ ދަށުން، ޓިކްޓޮކްގެ ޗައިނާ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއިން ޤައުމީ ސަލާމަތީ ސަބަބުތަކަށް ޓަކައި އެޕް ވިއްކާލަން ޖެހޭނެ ކަމަށާއި، ނޫންނަމަ އެޕް ބަންދުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން އެޕަލް އަދި ގޫގުލްއިން އެ ކުންފުނިތަކުގެ އެޕް ސްޓޯތަކުން ވަނީ ޓިކްޓޮކް ނަގާފައެވެ.
މި ޤާނޫނު ތަންފީޒުކުރަން ފެށި ދުވަހުގެ އަނެއް ދުވަހު މަޤާމާ ހަވާލުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ޤާނޫނު ތަންފީޒުކުރުން 75 ދުވަހަށް ފަސްކުރުމަށް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ޓިކްޓޮކް ގަތުމާ ގުޅޭގޮތުން ގިނަ ފަރާތްތަކަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، މި މަހު ތެރޭގައި އެޕްގެ މުސްތަޤްބަލާ ގުޅޭގޮތުން ނިންމުމެއް ނިންމާނެ ކަމަށެވެ.
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 170 މިލިއަން މީހުން ތިބި ކަމަށް ލަފާކުރެވޭއިރު، ރައީސް ޓްރަމްޕް ވަނީ ހޯމަ ދުވަހު ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި، އަންނަ އަހަރުގެ ތެރޭގައި ސޮވްރިން ވެލްތު ފަންޑެއް އުފެއްދުމަށް އަންގަވާފައެވެ. މި ފަންޑުން ޓިކްޓޮކް ގަތުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ ބައިޓްޑާންސްގެ ދަށުން އެމެރިކާގެ ރައްޔިތުންގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނުރައްކާ އޮތް ކަމަށް އިންޒާރުދީފައެވެ. ނަމަވެސް، ޓިކްޓޮކް އިން ބުނެފައިވަނީ އެމެރިކާގެ އޮފިޝަލުން ޗައިނާއާ އޮތް ގުޅުން ނުބައިކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނާ ގޮތުގައި އެމެރިކާގެ ޔޫޒަރުންގެ ޑޭޓާ އަދި ކޮންޓެންޓް ރެކޮމެންޑޭޝަން އިންޖިން ރައްކާކޮށްފައި ހުންނަނީ އެމެރިކާގައި ހުރި އޮރަކަލްގެ ކްލައުޑް ސާވާތަކުގައެވެ. އަދި އެމެރިކާގެ ޔޫޒަރުންނަށް އަސަރުކުރާ ކޮންޓެންޓް މޮޑަރޭޝަން ނިންމުންތައް ވެސް ނިންމަނީ އެމެރިކާގައި ކަމަށް ޓިކްޓޮކްއިން ބުނެފައިވެއެވެ.
ކޮންގްރެސްއިން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށް، އޭރުގެ ރައީސް ޖޯ ބައިޑަން ސޮއިކުރެއްވި މި ޤާނޫނުގެ ދަށުން ޓިކްޓޮކް ބަންދުކުރުމާ ދެކޮޅަށް ބަސްބުނުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ އިހުތިޖާޖުކޮށްފައެވެ.