ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބަލަން ފުލުހުން މިއަދު ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.
ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ.
އެ ކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ބަލައި ފިޔަވަޅު އަޅަން ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އެ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު އަަންނަނީ ކުރަމުންނެވެ. އަދި، ފަރުވާ އެންމެ އެކަށީގެންވަ ފުރިހަމަ ގޮތުގައި އެ ހޮސްޕިޓަލުން ލިބެން ނުހުންނަކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން "ސަން"އާ ވަހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ، އެ މައްސަލަ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު ބަލަން ފަށައިފައިވާ ކަމަށާއި، ނަމަވެސް އިތުރު ތަފުސީލު މި ވަގުތު ނެތްކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ.
އެއާއެކު މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އެ ފަދަ ބައެއް ހާދިސާތައް ހިނގައިފައިވާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.