"ޑރ. ފަޒްނާގެ ޚިދުމަތަކީ ކުރިމަގަށް ހިތްވަރަކަށް ވާނެ، އެތައް އާއިލާއަކަށް އުންމީދު ލިބުނު"

ޑރ. ފަޒުނާ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު، ޑރ. އައިމިނަތު ފަޒުނާގެ ޚިދުމަތް ކުރިމަގުގައި ދާއިރާއަށް ހިތްވަރަކަށް ވާނެ ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 47 އަހަރުގެ ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މާލޭގައެވެ.

އޭނާ ކިޔަވާ ވިދާޅުވުމަށް ފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

https://sun.mv/224436

އޭނާ ނިޔާވުމާ ގުޅިގެން ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ހަލީމް ވިދާޅުވި ގޮތުގައި، ޑރ. ފަޒްނާއަކީ ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ޚާއްސަ ބަލިތަކަށް ފަރުވާ ދިނުމުގެ ދާއިރާއިން އިސްނަންގަވައި، އެ ދާއިރާގައި އާ އުސްމިންތަކަކަށް ގެންދެވުމުގައި މަސައްކަތްކުރެއްވި ނަމޫނާ ބޭފުޅެކެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ---- ފޮޓޯ/ ރައީސް އޮފީސް

މިގޮތުން، ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓަލް ޕީޑިއޭޓްރިކްސް ސަބް-ސްޕެޝަލިސްޓްގެ ހައިސިއްޔަތުން، އެ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ޑރ. ފަޒުނާ ކުރެއްވިކަން ހަލީމް ފާހަގަކުރެއްވިއެވެ.

އޭނާގެ ހިތްތިރިކަމާއި އޯގާތެރިކަމާއި މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން އެތައް ކުދިންނަކާއި އެކުދިންގެ އާއިލާތަކަށް އުންމީދާއި ހިތްހަމަޖެހުން ލިބުނު ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި، ޑރ. ފަޒުނާ ދޫކުރެއްވި ޚިދުމަތުގެ ލާމަސީލު ނަމޫނާއަކީ ސިއްހީ ދާއިރާގެ ކުރިމަގުގެ ޖީލުތަކަށް ލިބޭނެ ބޮޑު ހިތްވަރެއްގެ ގޮތުގައި ހަލީމް ސިފަކުރެއްވިއެވެ.

ހަލީމްގެ ޕޯސްޓުގައި ވަނީ، ޑރ. ފަޒުނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާފައެވެ.

އޭނާގެ ކަށުނަމާދު އޮތީ، މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

comment ކޮމެންޓް