އާންމުންނަށް ރަނގަޅު ފެންވަރުގެ ދަތުގެ ފަރުވާ ދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭނަން: ނައިބު ރައީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކަމާއެކު ރަނގަޅު ފެންވަރުގައި ދަތުގެ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްވުރެ އިތުރަށް ސަމާލުކަން ދޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނަށް ފަސޭހަކަމާއެކު ރަނގަޅު ފެންވަރުގައި ދަތުގެ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޓަކައި ސަރުކާރުން ކުރިއަށްވުރެ އިތުރަށް ސަމާލުކަން ދޭނެ ކަމަށް، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހޮސްޕިޓަލުތަކުން ރާއްޖޭގައި ދެމުން އަންނަ ދަތުގެ ފަރުވާގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދަތުގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ފަންނުވެރިންގެ އުންމީދަކީ އެ ފަރުވާގެ ޚިދުމަތްތައް ސަރަހައްދީ ފެންވަރުގައި ދެވޭ ތަނަކަށް ރާއްޖެ ވުން ކަމަށެވެ.

"މި ދާއިރާއިން ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް ޚިދުމަތްތައް ފުޅާކުރުމަށާއި، ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ މަގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިޔަ ބޭފުޅުންނަށް އަރުވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް އަހަރުތަކަކީ އައު އީޖާދުތަކާއެކީ ދަތުގެ ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އަހަރުތަކަކަށް ހެދުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތްތައް އެންމެ ގިނަ ދުވަހު ދެއްވި މުޙައްމަދު ސަލީމަށް ނައިބު ރައީސް ހަނދާނީ ފިލާ އަރުއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ދަތުގެ ފަރުވާއާ ގުޅޭ ދާއިރާތަކުން ދިވެހި ޚާއްސަ ޑޮކްޓަރުން މިއަދު ތިބޭތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އެފަދަ ޚިދުމަތްތައް ރަށްރަށުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން 15 އަތޮޅެއްގައި ހުރިހާ ވަސީލަތްތަކާއެކު ޑެންޓަލް ޔުނިޓުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް ލިބޭނެ ލުޔެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ.

ދަތާއި އަނގައިގެ ސިއްހަތަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ބައެއް ކަމަށްވާތީ، ގައުމީ ފެންވަރުގައި އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުން މުހިއްމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލައިފައިވާ ފޮތް "އިހުން މިއަދާ ހަމައަށް" އިފުތިތާހުކޮށްދެއްވައިފައެވެ. އަދި ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށާއި ޚިދުމަތް ތައާރަފުކުރެއްވި ބޭފުޅުންނަށް އެވޯޑު ދެއްވައިފައެވެ.

comment ކޮމެންޓް