ރާއްޖެއަށް ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ލޯން ދެއްކުން ފަސްކުރުމުން، ދަރަނި ނުދައްކައި ތިބެން ލިބޭ މުއްދަތުގައި އިގުތިސާދީ ބަދަލުތައް ނުގެންނަ ނަމަ ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އިގުތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ޓޯކިން އިކޮނޮމީ' ޕްރޮގްރާމުގައި ދައުލަތުގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލާ އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު ވިދާޅުވީ، ހެޔޮ އެދޭ ގައުމަކުން އެހީ ފޯރުކޮށްދޭއިރު އެހީ ދެނީ އެވަގުތަކު އޮންނަ ގޯސް ހާލަތު ތަކުރާރު ނުވާނެ ކަމުގެ އުއްމީދާއެކު ކަމަށެވެ. ނަމަވެސް އެ ހާލަތު ރަނގަޅުނުވެ، މައްސަލަ ތަކުރާރުވާ ނަމަ އެ ގައުމުތަކުން އުއްމީދު ކަނޑާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްއަދު ވިދާޅުވީ، ރާއްޖެއަށް އެހީ ދޭން އެއްބަސްވާ ގައުމުތަކުން އެހީ ދޭން ބުނަނީ ދިރާސާއެއް ހެދުމަށް ފަހު ކަމަށެވެ. އެ ދިރާސާއަށް ފަހު އެ ގައުމަކުން ބުނާނީ ރާއްޖެއިން ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަސްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ނުކުރެވޭ ކަމަށް ވަންޏާ ދެވަނަ ފަހަރަކަށް އެހީ ހޯދުމުގެ ބޭނުމެއް ނެތޭ. ދެން އެ ހިސާބުން ކޮންމެ ގައުމަކަށް ވެސް ވާނީ އުނދަގުލަކަށް، ދެން އެހެން ނޫނީ އެހީތެރިވާ މީހާ އެހީތެރިވާނީ އޭނާގެ ކޮންމެވެސް ކަހަލަ އެދުންތަކެއް ހުރީމައި. ޖާއިޒު ނޫން ގޮތަކުން ވެސް ކަރަށް މަޅިއެއް ފައްތާށޭ އެހެންވީމަ މިކަހަލަ ފުރުސަތެއްގައި ވަރަށް މުހިންމު މިކަން ރަނގަޅަށް ބޭނުންކުރުން،" އަސްއަދު ވިދާޅުވިއެވެ.
މިއަހަރުގެ މިނިވަން ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ރާއްޖެއިން އިންޑިއާއަށް 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި ޗައިނާއިން ވެސް މުއްދަތު އިތުރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ. އަދި ދައުލަތަށް ނުލިބި އޮތް 15.4 ބިލިއަން ރުފިޔާ އޮތް ކަމަށާއި އެ ފައިސާއިން ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ވާހަކައަށް އިޝާރާތް ކުރައްވައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ދައުލަތަށް ލިބެން އޮތް ފައިސާތަކެއް ލިބުމުން ހިންދަމާލަން މާ ބޮޑު ފުރުސަތެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބޭރު ގައުމުތަކުން ދަރަނި ދެއްކުން ފަސްކޮށްދިނުމުން ހިންދަމާލަން ކޮންމެވެސް ފުރުސަތެއް ލިބުނު ނަމަވެސް، ރާއްޖެއިން ދައްކަން ޖެހޭ އެހެން ދަރަނިތައް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ދެއްކެނީ ހަމައެކަނި ތިން ގައުމެއްގެ ވާހަކަ، އެހެން ފަރާތްތަކުން ނަގާފައި އޮތް ލޯނާއި 2026ގައި އަގު އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އަބޫދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ފަދަ ބުރަތައް އަދިވެސް އެބަހުރި،" އަހުމަދު ވިދާޅުވިއެވެ.
އޭގެ އިތުރަށް ވެސް ރާއްޖެއިން ދަރަނި ނަގަން ޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ނަގާ ދަރަނި، މިހާތަނަށް ނަގައިފައިވާ ދަރަނި ފަދަ ބުރައަކަށް ނުވާނެ ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އަދި ލޯނު ފަސްކުރުމާ ގުޅޭ މަޝްވަރާތަކުގައި ރާއްޖެއާ މެދު އިތުބާރު އިތުރު ކުރުމަށް ޓަކައި ކުރަން ހުރި ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
"މިއީ އެ ލިބޭ ފުރުސަތުގައި ޑެޓް މެނޭޖްމެންޓް ވީހާވެސް ރަނގަޅަކަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު. މީގެ އިތުރުން މި ވަގުތަކީ ޓެކްސް ބޮޑު ކުރުމަށް އެންމެ މުނާސަބު ވަގުތެއް ވެސް ނޫން، މިއީ ޓެކްސް ކޮމްޕްލަޔަންސް އިތުރު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.
ބޭރު ބައެއް ގައުމުތަކުން މިސާލު ނަންގަވައި އަހުމަދު ވިދާޅުވީ, ޖީއެސްޓީ ފަދަ ޓެކްސްއަކީ ވަގުތުން ވަގުތަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި އިންތިޒާމު ހަމަޖައްސާފައި ހުންނަ ކަމަށެވެ. އެފަދަ ފިޔަވަޅުތައް އެޅުމުން ސަރުކާރުގެ ކޭޝް ފްލޯ މެނޭޖުކުރަން ލުއިތަކެއް ލިބި، ޓެކްސް ލިބޭނެ ކަމުގެ ކަށަވަރުކަން އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކަށް ސަމާލުވާން ޖެހޭކަން އަހުމަދު ފާހަގަކުރެއްވިއެވެ.
"ޑޮލަރުގެ ރަސްމީ ރޭޓަށް ގާތްގަނޑަކަށް 10 ޕަސެންޓް އިތުުރުވިޔަސް މިއީ އަޅުގަނޑުމެންގެ ޑެޓް ޕޯޓްފޯލިއޯއަށް ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އިތުރުވެގެން އެދަނީ. އެހެންވީމަ މިއީ ވެސް އަޅުގަނޑުމެން ނޭވާލަން ލިބޭ ފުރުސަތުގައި ވިސްނަން ޖެހޭ ކަމެއް އަދި ނޭވާލާން މި ލިބޭ ފުރުސަތުގައި ވިސްނަން އެބަޖެހޭ ބޭރުގެ ދަރަނީގެ ބައި ވީހާވެސް ކުޑަކުރަން،" އޭނާ ވިދާޅުވިއެވެ.
"މިހާރު އޮތް ދަރަނީގެ 56 ޕަސެންޓަކީ ބޭރުގެ ދަރަނި އެހެންވީމަ ރީސްޓްރަކްޗާ ކުރެވިގެންދާއިރު އަޅުގަނޑުމެން ވިސްނަންވީ ބޭރުގެ ދަރަނި ކުޑަކުރުމަށާއި އަހަރުން އަހަރަށް މި މެޗުއާ ވާ ދަރަނީގެ މިންވަރު ވެސް ކުޑަކޮށް ބަޖެޓު ޑެފިސިޓް ވެސް ތިރިކޮށް މިގޮތަށް މަސައްކަތް ހިންގުމަށް."
އެ ފިޔަވަޅުތަކުގެ ދަށުން ޚަރަދު ކުޑަކުރުމާ ގުޅޭ ގޮތުން، އިގުތިސާދު ދިރާސާކުރައްވާ އާތިފް ޝަކޫރު ވިދާޅުވީ އާމްދަނީއަށް ވުރެ ޚަރަދު މަތީގައި އުޅޭ ނަމަ އަދި އިގުތިސާދީ ބަދަލުތައް ނުގެންނަ ނަމަ ގައުމުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންވެ، ގައުމުތަކުން ލުއިތައް ދޭ މުއްދަތުގައި ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.