ސިނގިރޭޓުން އިތުރަށް ލިބޭ އާމްދަނީ ބޭނުންކުރާނީ، ދުންފަތުން ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށް: ރައީސް

މީހަކު ސިނގިރޭޓެއް ބޮނީ: ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ބޮޑުކުރަން ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި ސަރުކާރުގައި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން، އިތުރަށް ލިބޭ އާމްދަނީ ބޭނުންކުރާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފައްޓަވައިދެއްވަމުން ރައީސް ދެއްވި ރިޔާސީ ބަޔާނުގައި، ދުންފަތާ ދެކޮޅަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މިދިޔަ އަހަރު ވޭޕް މަނާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވޭޕް މަނާކުރަން ނިންމެވީ މަސްތުވާތަކެތި ހިމެނޭ ވޭޕް ރާއްޖެއަށް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާކަން އެނގިވަޑައިގަތުމުން އެކަން ހުއްޓުވުމަށް ކަމަށެވެ.

އެ ފިޔަވަޅާއެކު، މިދިޔަ އޮކްޓޯބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެ ބަދަލާއެކު ކުރިން 110 އަކަށް ވިއްކި ސިނގިރޭޓް ފޮއްޓެއްގެ އަގު 250 ރުފިޔާއަށް ވުރެ މައްޗަށް އެރިއެވެ.

"ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއް ވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް. އެކަމަށްޓަކައި ހިންގަން ޖެހޭ ޕްރިވެންޓިވް ހެލްތު ކެއާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ހިންގުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަވަނީ: ސިނގިރޭޓުން އިތުރަށް ލިބޭ އާމްދަނީ ބޭނުންކުރާނީ، ދުންފަތުން ޖެހޭ ބަލިތަކުން ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

އެ މަނިކުފާނުވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ އަށަގެންފައިވާ އެންމެން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އެ މަސައްކަތުގައި އެހީވުމަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން އެއް ޓޮބޭކޯ ސެޒޭޝަން ކޮލިނިކް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތަކުން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރެއްވުމަށް،" ރައީސް ވިދާޅުވިއެވެ.

ސިނގިރޭޓުގެ އަގު އުފުލުމުން، ބައެއް ވިޔަފާރިވެރިން ވަނީ ސިނގިރޭޓު ގަންނަ މިންވަރު މަދުވެފައިވާ ކަމަށް ބުނެފައެވެ. އަދި މިހާރު އަމިއްލައަށް އޮޅައިގެން ސިނގިރޭޓު ބޯ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

https://sun.mv/202242

މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ވޭޕް ބޭނުން ކުރުން މަނާކޮށްފައިވާއިރު، ވޭޕް ބޭނުންކުރި މައްސަލައިގައި މިހާތަަނަށް 130،500 ރުފިޔާގެ ޖޫރިމަނާ ކޮށްފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް