ޔުނިޓްރީއިން މިއަހަރުގެ ތެރޭގައި އިންސާނީ ރޮބޮޓް އާންމު ބޭނުންތަކަށް ނެރުމަށް ނިންމައިފި

ޔުނިޓްރީގެ އަމާޒަކީ އިންސާނުންނާ އެއްހަމައެއްގައި ރޮބޮޓްތައް މަސައްކަތަށް ނެރުން -- ފޮޓޯ: ޔުނިޓްރީ

ޗައިނާގެ ސްޓާޓް-އަޕް ކުންފުންޏެއް ކަމުގައިވާ ޔުނިޓްރީ އިން 2026 ވަނަ އަހަރުގެ ކުރިން އިންސާނުންނާއި އެއްފަދަ ރޮބޮޓްތައް އާންމު ބޭނުންތަކަށް ނެރުމަށް ރޭވުންތައް ރާވައިފިއެވެ.

މިގޮތުން، މިހާރު ތަރައްޤީކޮށްފައިވާ ރޮބޮޓްތަކަށް ވުރެ ފުރިހަމަ، އަދި މޮޅު ވިސްނުމާއި ފަހުމްވުން ލިބިފައިވާ ރޮބޮޓްތަކެއް ތައާރަފުކުރުމަށް ވަނީ ރާވާފައެވެ.

ހަންގްޒޯގައި މައި އޮފީސް ހުންނަ މިކުންފުނިން މިހާރުވެސް ވަނީ ރޮބޮޓްތަކުގެ ދެ މޮޑެލެއް ވިއްކަން ފަށާފައެވެ. އެއީ 180 ސެންޓިމީޓަރުގެ އުސްމިނުގައި ހުންނަ އެޗް-1 މޮޑެލްއާއި، 130 ސެންޓިމީޓަރުގެ އުސްމިނުގައި ހުންނަ ޖީ-1 މޮޑެލްއެވެ. އެޗް-1 މޮޑެލްގެ އަގަކީ 90،000 އެމެރިކާ ޑޮލަރު ކަމުގައިވާއިރު، ޖީ-1 މޮޑެލްގެ އަގު ފެށެނީ 16،000 ޑޮލަރުންނެވެ.

ޔުނިޓްރީގެ މާކެޓިން ޑައިރެކްޓަރު ހުއާންގް ޖިއާވެއި ވިދާޅުވި ގޮތުގައި މިފަދަ ރޮބޮޓްތަކުގެ އެންމެ މުހިންމު ބައިކަމުގައިވާ "ސިކުނޑި" ނުވަތަ އިންޓެލިޖެންސްގެ ދާއިރާގައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އެހެން ނަމަވެސް، އެ ކުންފުނިން މިހާރު ވެސް ވަނީ ނިއޯ އަދި ޖީލީ ފަދަ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނިތަކުގެ ފެކްޓްރީތަކުގައި މި ރޮބޮޓްތައް ޓެސްޓްކުރަން ފަށާފައެވެ.

ދެހާސްތޭވީސްވަނަ އަހަރު ޗައިނާގެ ސަރުކާރުގެ ތިންކްޓޭންކަކުން ލަފާކުރި ގޮތުގައި 2026ވަނަ އަހަރާ ހަމައަށް އިންސާނީ ރޮބޮޓްތަކުގެ މާކެޓްގެ އަގު 20 ބިލިއަން ޔުއާން (2.7 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރާނެއެވެ.

އަދި ގޯލްޑްމަން ސެކްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2035 ވަނަ އަހަރާ ހަމައަށް މުޅި ދުނިޔޭގެ އިންސާނީ ރޮބޮޓްތަކުގެ މާކެޓްގެ އަގު 38 ބިލިއަން ޑޮލަރަށް އަރާނެއެވެ.

comment ކޮމެންޓް