ޗައިނާ-ރާއްޖެ އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓު އެތެރެ ނުކުރެވޭނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ވިދާޅުވީ ޗައިނާ-ރާއްޖެ އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓު އެތެރެ ނުކުރެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓު އެތެރެ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ލިޔުމުން ޖަވާބުދެއްވައެވެ.

މެންބަރު ކުޑޫ ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އިމްޕޯޓު ކުރެވޭ ދުންފަތުގެ ބާވަތްތައް އަދި ސިނގިރޭޓުން ޑިއުޓީ ނަގާތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ، ޗައިނާއާއެކު ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓުން ޑިއުޓީ ނަގާ ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭނެ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓު އިމްޕޯޓުކުރާ މިންވަރެއްގެ މައްޗަށް ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"މެންބަރު ސުވާލުކުރައްވާފައި ވަނީ މުސްތަގުބަލުގައި ހިނގާނެ މުއާމަލާތަކަށްވާތީ، އެކަމުގެ ސީދާ އަދަދުތަކެއް އެނގޭނީ އެ މުއާމަލާތްތައް ހިނގައި ނިމުނީމަ. ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ އެއްބަސްވުންތަކާއި ޓްރީޓީތައް އާންމުކުރެވޭނީ އެއްބަސްވުމުގައި ކަނޑައަޅާ ދެ ގައުމުން އެއްބަސްވާ ގޮތުގެ މަތިން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޗައިނާއާއެކު ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުން ވަނީ އިސްތިސްނާކޮށްފައި ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓަށް ވެސް ޑިއުޓީ ނަގާ ރޭޓުން ކަމަށް ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.

އެއަށް އަނެއްކާ އަމަލުކުރަން ފެށީ މި ސަރުކާރުން މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް