މިދިޔަ ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓުވި ބިދޭސީ މީހާ މަގުމަތީ ވެއްޓިފައި އޮއްވައި، ފަހަތުން އައި ސައިކަލު ދިޔައީ އޭނާގެ ބޯމަތިން ކަން ހާމަވެއްޖެއެެވެ.
ރޭ ވަނީ އެ ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި މީހާ ސައިކަލާ ދުރުގައި ވެއްޓިފައި އޮވެއެވެ. އޭނާއަަށް ގުޑައިނުލެވި އޮއްވައި، ފަހަތުން ބާރު ސްޕީޑުގައި އިތުރު ސައިކަލެއް އޭނާގެ ގައިމަތިން ދެއެެވެ. އަދި ކޮންޓްރޯލުން ނެއްޓި ކާރު ލޭނުން ބާރު ސްޕީޑުގައި އެ ސައިކަލު ކުރިއަށް ދާތަން ފެނެއެވެ.
ވެއްޓިފައި އޮތް ބިދޭސީ މީހާގެ ބޯމަތިން ސައިކަލު ދިއުމާއެކު، ޖެހުނު ބާރުމިނާއެކު އޭނާ ވެސް ފުރޮޅިގެން ކުރިއަށް ދެއެވެ.
އެ ވަގުތު އެ ސަރަހައްދުން ދިޔަ މީހަކު ބުނި ގޮތުގައި، މުޅި އެ ހިސާބުގައި ވަަރަށް ބައިވަރު ލޭ ވެސް ހުއްޓެވެ.
މިއަދު ފުލުހުން މައުލޫމާތު ދިން ގޮތުގައި ވެއްޓިފައި އޮތް މީހާގެ ބޯމަތިން ދިޔަކަމުގެ ތުހުމަތު ކުރެވެނީ 60 އަހަރުގެ އަންހެނަކަށެވެ. އެ މައްސަލަައިގައި އޭނާއާ ސުވާލުކޮށް، ސައިކަލު ޓޯކޮށް، ލައިސެންސް ހިފަހައްޓައިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ އެ ކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓު ހިނގަން މެދުވެރިވެ، އޭނާ މަރުވީ ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ. އެއީ އެ ދުވަހު ހެނދުނު 8:19 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށް ޓަކައި އައިޖީއެމްއެޗަށް ގެންދިޔައެވެ. ނަމަވެސް ހެނދުނު 9:05 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.