ހައިވޭގައި އެކްސިޑެންޓުވެ މީހަކު ނިޔާވި މައްސަލައާ ގުޅިގެން އިތުރު ސައިކަލެއް ޓޯކޮށް، އެ ސައިކަލު ދުއްވި އަންހެން މީހާގެ ލައިސެންސް ހިފަހައްޓައިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރި ލޭނުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
"ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާއިން ބުނީ އެ ތަނުން އެ ވަގުތު ދިޔަ އިތުރު ސައިކަލެއް ޓޯކޮށް އެ ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓައިފައިވާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ 60 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ އެ ކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓު ހިނގަން މެދުވެރިވެ، އޭނާ މަރުވީ ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ. އެއީ އެ ދުވަހު ހެނދުނު 8:19 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށް ޓަކައި އައިޖީއެމްއެޗަށް ގެންދިޔައެވެ. ނަމަވެސް ހެނދުނު 9:05 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ދުއްވީ ކޮން އުޅަނދެއްކަމެއް ވެސް، އަދި އެހެން އިތުރު ތަފްސީލެއް ވެސް ފުލުހުން ހިއްސާ ނުކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އިތުރަށް ބަލަންޖެހޭކަންތައްތައް ބަލަމުންދާކަމަށެވެ.
ރޭ ވަނީ އެ ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި މީހާ ސައިކަލާ ދުރުގައި ވެއްޓިފައި އޮއްވައި، އޭނާގެ ގައިމަތިން ވެސް ސައިކަލެއް ދެއެވެ.
ސިނަމާލޭ ބުރިޖާއި ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީގެ ކުރިން ވެސް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.