ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ފާހަގަކުރަން އުޅެނިކޮށް ފުލުހުން އެކަން ހުއްޓުވައިފި

ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ކަމަށްވާ "ޕޮންގަލް" ފާހަގަ ކުރަން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައިފިއެވެ.

ޕޮންގަލްއަކީ ދަނޑުވެރިކަމުގައި ވަށައިގެންވާ ގުދުރަތީ ތަކެއްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ހިންދޫން ފާހަގަ ކުރާ އީދެކެވެ.

މި ފެސްޓިވަލް ރާއްޖޭގައި ފާހަގަކުރުމަށް ރާވާފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައި ވާކަމަށެވެ.

"އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައި ވާކަމަށް އިންތިޒާމު ކުރި ފަރާތުން މައުލޫމާތު ދޭ،" އެ ޕޯސްޓުގައި ވެއެވެ.

ފުލުހުން ބުނީ، މިފަދަ ހަރަކާތްތައް ކުރިއަށްގެންދާ ނަމަ ފުލުހުން އެކަންކަން ހުއްޓުވާނެ ކަމަށެވެ.

މި ފެސްޓިވަލް ހުއްޓުވުމަށް ގޮވައިލައި މިއަދު ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ވަނީ ޕޯސްޓުތައް ކޮށްފައެވެ.

ޕޮންގަލް އަކީ އިރަށް އަޅުކަން ކުރާ މީހުން ފާހަގަކުރާ އީދެކެވެ. މި އީދު އާންމުގޮތެއްގައި ފާހަގަކުރަނީ ޖަނަވަރީ މަހުގެ މެދުތެރޭގައެވެ.

comment ކޮމެންޓް