ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން ހިންގާފައިވަނި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޖޫތީގެ ހަސަން ނަޒީޙް (32އ) ކަމަށެވެ.
މިއޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯއަށްވުރެ ގިނަކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.