ޖޮހަނަސްބާގް (01 ފެބްރުއަރީ 2025): ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގްވާމީ މައިދާނުގައި އިސްރާއީލަށް ދެކޮޅަށް މަސައްކަތްކުރުމަށް ނުވަ ގައުމެއް ގުޅިގެން ޖަމާއަތެއް އުފައްދައިފިއެވެ.
މި ޖަމާއަތުގައި ހިމެނޭ ގައުމުތަކަކީ ދެކުނު އެފްރިކާ، މެލޭޝިއާ، ކިޔުބާ، ބޮލީވިއާ, ކޮލަންބިއާ, ނަމީބިޔާ، ސެނެގަލާއި، ހޮންޑިއުރާސް, އަދި ޗިލީއެވެ. މައި މަރުކަޒު ހުންނާނީ ދެކުނު އެފްރިކާގައެވެ. މި ނުވަ ގައުމު ގުޅިގެން އުފެއްދި މި ޖަމާއަތަކީ ހަމައެކަނި ފަލަސްތީނަށް ޓަކައި މަސައްކަތްކުރުމަށް އުފެއްދި ޖަމާއަތެއްކަމަށް ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނަލަދީ ޕަންޑޯ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވިގޮތުގައި ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރުމަށް މި ޖަމާއަތް އުފެއްދުމަށް އެއްބަސްވެ ވަޑައިގަތީ މި ނުވަ ގައުމުގެ ރައީސުންނާއި ބޮޑުވަޒީރުންނެވެ. އެބޭފުޅުން ކުރެއްވި މަޝްވަރާތަކެއްގައެވެ. މި ނުވަ ގައުމުގެތެރޭގައި ހިމެނޭ ދެކުނު އެފްރިކާއަކީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ކަނޑައަޅައި ދިނުމަށް މިދިޔަ އަހަރުގެ ކުރީކޮޅު ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް މައްސަލަ ހުށަހެޅި ގައުމެކެވެ.
އަނެއް ހަތަރު ގައުމަކީ މި މައްސަލާގައި އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި މި މައްސަލާގައި ތަދައްޚުލުވެ އިސްރާއީލާ ދެކޮޅަށް ހެކި ހުށަހެޅުމުގައާއި މިމައްސަލާގައި ގާނޫނީ ގޮތުން ދެކުނު އެފްރިކާއަށް ވާގިވެރިވަމުން ގެންދާ ހަތަރު ގައުމެކެވެ.
މި ހަތަރު ގައުމުގެ ތެރެއިން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވަނީ ހަމައެކަނި ބޮލީވިއާ އާއި ކޮލަންބިއާ އެވެ. ނަމަވެސް މިދިޔަ އަހަރު މިދެގައުމު ވަނީ ޣައްޒާގައި އިސްރާއީލު ހިންގާ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ.
މެލޭޝިއާއަކީ އިސްރާއީލާއެކު ގުޅުންތައް ގާއިމްކޮށްފައިނުވާ ގައުމެކެވެ. އަދި އިސްރާއީލަކީ ދައުލަތެއްކަމަށް އިއުތިރާފް ނުވާ ގައުމެކެވެ. ކިޔުބާއަކީ ވަރަށް ކުރީއްސުރެ އިސްރާއީލާ ގުޅުންތައް ކަނޑާލާފައިވާ ގައުމެކެވެ.
ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގްވާމީ މައިދާނުގައި އިސްރާއީލަށް ދެކޮޅަށް މަސައްކަތްކުރުމަށް މި ނުވަ ގައުމު ގުޅިގެން އުފެއްދި ޖަމާއަތަށް ކިޔަކީ "ދަހޭގް ގުރޫޕް" އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރެއް މިދިޔަ އަހަރު ނެރުމަށްޓަކައިވެސް މި ނުވަ ގައުމު ގުޅިގެން އެ ކޯޓުގައި ވަރަށް ބޮޑަށް ވަކާލާތު ކޮށްފައިވެއެވެ.
ނަތީޖާ އަކަށްވީ އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ސްޕޮންސަރު ކުރާ ހުޅަނގުގެ ގައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އަދި ޖަރުމަނުގެ ނުސީދާ ފިއްތުންތަކާއި ބިރު ދެއްކުންތައް މި ނުވަ ގައުމަށް އަމާޒުވެގެން ދިޔުމެވެ.
ނަމަވެސް މި ނުވަ ގައުމުންވަނީ ހުޅަނގުގެ މި ބިރުދެއްކުންތަކަށް ނުސިހޭނެކަމަށާއި ބިރު ދެއްކުންތަކާ ގުޅިގެން އެގައުމުތަކުގެ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށް ބުނެފައެވެ.
މިޖަމާއަތުގެ ފަރާތުން ވާހަކަދައްކަވަމުން ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނަލަދީ ޕަންޑޯ ވިދާޅުވިގޮތުގައި "ދަހޭގް ގުރޫޕް" ގެ މައިގަނޑު ލަނޑުދަނޑިއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރުމެވެ.
ފަލަސްތީނު މިނިވަންކުރުމަށާއި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލްއަގްވާމީ ކޯޓުތަކުގައާއި ޑިޕްލޮމެޓިކް މަހްފަލްތަކާއި މުއައްސަސާތަކުގައި ގާނޫނީ ގޮތުން ވަކާލާތު ކުރުމެވެ. އަދި އިސްރާއީލުގެ އަޅުވެތިކަމުން މިނިވަން ވުމުގެ ހައްގާއި އިސްރާއީލާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއު ކުރުމަށް ހައްގު ފަލަސްތީނަށް އޮންނާނެކަން ދުނިޔެއަށް ހާމަކޮށްދީ އެހައްގުތައް ހޯދައި ދިނުމަށް ދިނުމަށް މަސައްކަތް ކުރުމެވެ.
އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިގެންވާކަމަށް ގަބޫލުނުކުރާ އިސްތިއުމާރީ ފިކުރުގެ ވަރަށް ހަރުކަށި ގައުމުތަކެކެވެ. މި ޖަމާއަތަށް އިތުރު އެތަށް ގައުމެއް ވަންނާނެކަމަށް އެތައް ގައުމަކުން އެކަމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.