ފަލަސްތީނާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުއްގައި ބައިވެރިވެޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުން އެ ގައުމުން ނެރުމަށް އިސްރާއިލުން ގޮވައިލައިފައިވާ ގޮވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އޯއައިސީގެ ބައްދަލުވުމެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބައިނަލްއަގުވާމީ މަތީ ފަންތީގެ އެކިއެކި ފޯރަމްތަކުގައި ރާއްޖެއިން ދަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.
އެހެން ނަމަވެސް، އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަށް ހުށަހެޅި މައްސަލަ ތާށިވެފައި އޮތުމުން އެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 48،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ފަނަރަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަނޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލާއި ހަމާސްއިން ކުރި ހަނގުރާމަ ވަނީ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު މެދުކަނޑާލައިފައެވެ.