ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމުން ދޭހަވަނީ މި ސަރުކާރުން އެ ދެ ކަންތަކަށް ދޭ އަހަންމިޔަތު ކުޑަ މިންވަރު ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އެ މިނިސްޓްރީގެ މިނިސްޓަރުކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އައްޔަނުކުރައްވާފައެވެ.
މި ބަދަލާ ގުޅިގެން "ސަން"އާ ވަހަކަދައްކަވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން މިނިސްޓްރީތައް މަދުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓަކީ އޭގެ ޒާތުގައި ވަރަށް ގާތް ދެ ކަން ކަމަށާއި ދެ ވުޒާރާއެއް އެއްކޮށްލާއިރު އެއް ވުޒާރާއެއްގެ ދަށަށް ތަފާތު މޭންޑޭޓުތަކެއް އައުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އަނެއްހެން މިނިސްޓްރީއެއް އެއްކޮށްލާއިރު އެއް މިނިސްޓްރީއެއްގެ ދަށަށް ތަފާތު މޭންޑޭޓުތަކެއް އައުމަކީ މައްސަލައެއް ނޫން. މީގައި އަޅުގަނޑުހިތުން މިނިސްޓަރާ ހިސާބަކުން މި ކަންތައްތަކެއް ނުނިމޭ. ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ނަމަވެސް މައުސޫމުގެ ކަންބޮޑުވުމަކަށްވީ، މިނިސްޓަރުގެ ދަށުން ތިއްބަވާ ސިޔާސީ މަގާމުތައް، ދެ މިނިސްޓްރީއެއް އެއްވުމުން ބަދަލުވާނެ ގޮތާމެދެވެ.
މައުސޫމް ވިދާޅުވީ މަސައްކަތަށް އެކަށީގެންވާ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ދެތިން ހަތަރު ބޭފުޅުންނާއެކު މިނިސްޓްރީއެއް ހިންގޭނެ ކަމަށެވެ. ނަމަވެސް ދެ ވުޒާރާ އެއްވިއިރު މިހާރު މިނިސްޓްރީތަކުގައި ތިބީ ކިހާ ސިޔާސީ ބޭފުޅުންކަން ނޭނގޭކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު މިފެންނަނީ މިހާރު ދެން އެއް މިނިސްޓްރީ ގުނާލާއިރު އަޅުގަނޑުމެންނަށް ނޭނގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ކިތައް ސިޔާސީ މަގާމު ކަމެއް ހުރީކީ. ދެން އެހެންވީމަ، ވަރަށް ގިނަ ސިޔާސީ މަގާމު ހުރި ތަނެއް ކަމަށް އަޅުގަނޑަށް ހަބަރު ލިބިފަ ހުރީ. އެހެންވީމަ ދެ މިނިސްޓްރީ އެއްކޮށްލާފައި މިނިސްޓްރީ މަދުވީ، އެކަމު އެއިން ކޮންމެ ތަނެއްގައި ތިން ޑަޒަން ޑެޕިއުޓީ މިނިސްޓަރުން ތިއްބެވީމަ އަޅުގަނޑަކަށް ހިޔެއްނުވޭ އެތަނުގެ މަސައްކަތް ކުރެވޭނެ ހެނެއް. ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
މައުސޫމް ވިދާޅުވީ އެ ތަނެއްގެ މެންޑޭޓުގެ މައި ކޮމްޕޯނަންޓާ ހަވާލުވާނެ އެކެއް ނޫނީ ދެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ތިބުމުން އެ ތަނެއްގައި މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ގިނަ މަސައްކަތްތައް ކުރާނީ ސިވިލް ސާވެންޓުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމަކީ އޭގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ކަމަށް ފެނުނު ނަމަވެސް އެއްކޮށްލަންވީ ކޮން ދެ މިނިސްޓްރީއެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މައުސޫމް ވަނީ ރާއްޖޭގެ މައި އިންޑަސްޓްރީއަކަށް ފަތުރުވެރިކަން ވެފައި ބާރު ސްޕީޑެއްގައި ޓޫރިޒަމް ފުޅާވެގެން އަންނައިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ރާއްޖެއިން ޓޫރިޒަމަށް ދޭ އަހަންމިޔަތުކަން ރަމްޒުކޮށްދިނުމަށް ވަކި މިނިސްޓްރީއެއްގެ ގޮތުގައި ޓޫރިޒަމް އޮތުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
ހަމަ އެއާއެކު ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ބަދަލާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރެވޭނީ ވެސް އެކަމަށް ޚާއްސަ މިނިސްޓްރީއެއް އޮވެގެންކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.
އެހެންވީމަ ޓޫރިޒަމް އޭގެ ޒާތުގައި ވެސް ވަކި މިނިސްޓްރީއެއް ހިންގަންޖެހޭވަރުގެ މުހިންމުކަމެއް އެބަ އޮތް. އަދި ޓޫރިޒަމަށްވުރެ ބޮޑަށް އެންވަޔަރަމެންޓް މިނިސްޓްރީއަށް އެހެން ތަންތަނާ އެއްކުރާ ވަރަށްވުރެ އެތަނުގެ މުހިންމުކަން މި ޒަމާނުގައި މި ދުވަސްވަރު ބޮޑު، ޚާއްސަކޮށް ދިވެހިރާއްޖެއަށް ބޮޑު. އެހެންވީމަ މި ދެތަން އެއްކޮށްލީމަ އެއިން މި ދޭހަވަނީ ސަރުކާރުން އެ ދެ ކަންތަކަށް ދޭ އަހަންމިޔަތުކަން ކުޑައީއޭ.ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
މައުސޫމް ވިދާޅުވީ މިއަށްވުރެ ކުދިކުދި ކަންތައްތަކަށް މިނިސްޓްރީ ހަދާފައި އެބަހުރި ކަމަށާއި ބޮޑެތި ބަޖެޓުތައް ވެސް ދީފައި އެބަހުރި ކަމަށެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީއަށް އެކަށީގެންވާ ބަޖެޓެއް ނުދޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިނިސްޓްރީ އެއްކޮށްލުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް މިފަހަރު އެއްކޮށްލި ދެ މިނިސްޓްރީއަކީ މިއަދުގެ ހާލަތުގައި ބޮޑުކޮށް އޮންނަންޖެހޭ ދެ މިނިސްޓްރީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.