ޗައިނާގެ ކުންފުންޏަކުން ތަޢާރަފުކޮށްފައިވާ އައު އޭއައި އެޕްލިކޭޝަން "ޑީޕްސީކް" ގެ ކުއްލި ކުރިއެރުމަކީ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ލިބޭ އިންޒާރެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފުތާގައި އެޕަލްގެ އެޕް ސްޓޯގައި އެންމެ ގިނައިން ޑައުންލޯޑްކޮށްފައިވާ ފްރީ އެޕްގެ ގޮތުގައި އޮތް މި އެޕްލިކޭޝަނަކީ މެޓާ އަދި އޯޕަން އޭއައި ފަދަ ބޮޑެތި ކުންފުނިތަކުގެ އޭއައި މޮޑެލްތަކާ އެއްވަރުގެ ޚިދުމަތެއް މާ ކުޑަ ޚަރަދަކުން ތައްޔާރުކުރެވިފައިވާ އެޕެއް ކަމަށް ބުނެވެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަންގެ ސަބަބުން އެމެރިކާގެ ޓެކް ދާއިރާއަށް ވާދަވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭނެއެވެ.
އަދި މިފަދަ ޓެކްނޮލޮޖީއެއް ކުޑަ ޚަރަދަކުން އުފެއްދުމަކީ ރަނގަޅު ކަމެއް ކަމަށާއި، އޭގެ ސަބަބުން ބިލިއަނުން ޑޮލަރު ޚަރަދުކުރުމުގެ ބަދަލުގައި، މާ ކުޑަ އަދަދަކުން، އެއްވަރުގެ ޚިދުމަތެއް ފޯރުކޮށްދެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޗައިނާ ކޮމިޓީގެ ޗެއާ، ޖޯން މޫލެނާ ވިދާޅުވެފައި ވަނީ ޑީޕްސީކްގެ ކުރިއެރުން މަޑުޖައްސާލަން އެމެރިކާއިން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބާރުގެ ދަށުގައިވާ މޮޑެލެކެވެ. ޓިއަނަންމެން ސްކުއެއާގައި 1989ވަނަ އަހަރު ހިނގި މާރާމާރީ ފަދަ ކަންކަން މި އެޕްގައި ސެންސަރު ކުރެވިފައިވާ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެޕް ތަރައްޤީކުރީ އެމެރިކާގެ އެޑްވާންސްޑް ޗިޕްސް ގެ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ތެރެއިން ކަމަށް ޑީޕްސީކްގެ ޑިވެލޮޕަރުން ބުނެފައިވާތީ، މި ކޮންޓްރޯލްތަކުގެ މުހިންމުކަމާމެދު ސުވާލު އުފެދިފައިވެއެވެ.
ނަމަވެސް ޑެމޮކްރެޓިކް ސެނެޓާ މާކް ވޯނާ ވިދާޅުވެފައިވަނީ މިހާރު ގެންގުޅޭ އެކްސްޕޯޓް ކޮންޓްރޯލްތައް ރަނގަޅު ކަމަށާއި އިތުރު މިންގަނޑުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޑީޕްސީކް ތަރައްޤީ ކުރުމަށް ވެސް އެޑްވާންސްޑް ޗިޕްސްތައް ބޭނުންވާނެ ކަމަށާއި، ޗައިނާގެ ކުންފުނިތަކުން މިފަދަ މޮޑެލްތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގައި އެމެރިކާގެ ކޮންޓްރޯލްތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.
ހައުސް ސްޕީކާ މައިކް ޖޯންސަން ވެސް ވިދާޅުވެފައިވަނީ ޑީޕްސީކްއަކީ "ސީރިއަސް" ބިރެއް ކަމަށާއި، ޗައިނާއިން އެމެރިކާގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ވަގަށް ނަގާ ކަމަށާއި، މިހާރު އޭއައި ދާއިރާއިން ވެސް ކުރިއަށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޗައިނާއަކީ ވިޔަފާރީގައި "ބޭއިންސާފު" ބައިވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ހަފުތާގައި ޓްރަމްޕް ވަނީ އޭއައި ތަރައްޤީ ކުރުމާ ގުޅޭ ބައެއް ގަވާއިދުތައް ބަދަލުކޮށްފައެވެ. މި ގަވާއިދުތަކަކީ އެމެރިކާގެ އޭއައި އިންޑަސްޓްރީއަށް ހުރަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީޕްސީކް އަކީ މި ފަހަކަށް އައިސް އެމެރިކާގައި މަޤުބޫލުވަމުން އަންނަ ޗައިނާގެ އެޕްތަކުގެ ތެރެއިން އެއް އެޕެވެ.
ޓިކްޓޮކް ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން އެމެރިކާގެ ގިނަ ބަޔަކު މިހާރު ވަނީ ރެޑްނޯޓް އަދި ލެމަން8 ފަދަ ޗައިނާގެ އެޕްތަކަށް ބަދަލުވެފައެވެ. މި އެޕްތަކާމެދު ވެސް ސެކިއުރިޓީގެ ކަންބޮޑުވުންތައް ހުރި ކަމަށް ސެކިއުރިޓީ މާހިރުން ވިދާޅުވެއެވެ.
comment އަލީ
2 week 3 day ago
ހެހެހެހެ... ދެން އެމެރިކާއަށް ޖެހޭނީ އަބަދުވެސް ޗައިނާ ފަހާދުވަން. ދެން ފެންނާނީ ތިއަށްވުރެ ވަރުގަދަ އެއްޗެއް. ދެން ލަލަލާ