ދެ ބިލިއަން ފަހަނައަޅާދާ ފުރަތަމަ ކާޓޫނަށް ނޭޖާ

އެނިމޭޓެޑް ފިލްމުތަކުގެ ތާރީހުގައި ވެސް މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ ރެކޯޑު، ޗައިނާގެ ފިލްމު "ނޭޖާ-2" ހޯދުމަށް ތައްޔާރުވެއްޖެއެވެ.

ޗައިނާގެ ސިނަމާތަކުގައި މިވަގުތު އެއްވަނައިގައި އޮތީ މަގުބޫލު ވެފައިވާ އެނިމޭޓެޑް ފްރެންޗައިޒް ނޭޖާގެ ދެވަނަ ބައެވެ. މިއީ 2019 ވަނަ އަހަރުގެ ފިލްމުގެ ކާމިޔާބީއަށްފަހު ޗައިނާގެ ޗެންގްޑޫ ކޮކޯ ކާޓޫނުން ނެރުނު ދެވަނަ ފިލްމެވެ.

މި ފިލްމު ވަނީ ފިލްމު އެޅުވިތާ 11 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފައެވެ. މި އާމްދަނީ ވެސް ހޯދާފައިވަނީ ހަމައެކަނި ޗައިނާގައި މި ފިލްމު ދައްކައިގެންނެވެ. ޗައިނާގައި ފިލްމު ރެކޯޑުތައް މުގުރަމުންދަނިކޮށް މިހާރު ވަނީ މި ފިލްމު އެމެރިކާގައި ވެސް ދައްކަން ތައްޔާރުވެފައެވެ.

މި ފިލްމު ވަނީ މިހާރު މިހާތަނަށް ނެރެފައިވަނީ އެންމެ ބޮޑު އާމްދަނީގެ އެނިމޭޓެޑް ފިލްމުގެ ރެކޯޑު ވެސް މުގުރާލައިފައެވެ. މި ރެކޯޑަކީ މިދިޔަ އަހަރު ޑިޒްނީން ނެރުނު "އިންސައިޑް އައުޓް-2" އެންމެ ފަހުން ހަދައިފައިވާ ރެކޯޑެކެވެ.

މިހާރު ފިލްމު މިސްރާބު ޖަހާފައިވަނީ ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާށެވެ. ގިނަ މާކެޓުތަކުގައި ފިލްމު ދައްކަން ފެށުމާއެކު ފިލްމުގެ އާމްދަނީ ދެ ބިލިއަން ޑޮލަރަށް އަރާނެއެވެ. އެގޮތުން ކުރިއަށް ހަފުތާއެއްގެ ތެރޭގައި ފިލްމުގެ އާމްދަނީ ދެ ބިލިއަން ޑޮލަރުން މަތިވާނެއެވެ. އެއާއެކު ނޭޖާވާނީ ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ހަމައެކަނި އެނިމޭޓެޑް ފިލްމު ނުވަތަ ކާޓޫނަށެވެ.

ނޭޖާއަކީ ޖިއާއޮޒީ ޑައިރެކްޓުކޮށް ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ފިލްމެކެވެ. މި ފިލްމުގައި ފެންނާނީ ނޭޖާ ކިޔާ ޗައިނާގެ ކުރީގެ ފުލޯކު ވާހަކަތަކުން އުފެދިގެން އައި ކެރެކްޓަރެއް ބާރުތައް ހޯދުމަށް އުޅޭ ގޮތެވެ. ހުރިހާ އުމުރުގެ މީހުންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން މި ފިލްމުގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް