އިންޑިއާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާދި އަވަހަށް ދެވޭނެ: ސައީދު

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު: އޭނާ ވިދާޅުވީ އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާދި އަވަހަށް ދެވޭނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަވައްޓެރި އިންޑިއާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާދި އަވަހަށް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ލީޑަރުން ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ޖޫން މަހު ބޭއްވި ރަސްމިއްޔާތަށް ވެސް ރައީސް ވަޑައިގަތެވެ.

ސައީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ ކަންތައްތައް ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އެކީ ކުރުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އަދި، އެކަން ކުރާއިރު އޭގެ އެންމެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބޭގޮތަށް އެކަން ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ތުރުކީވިލާތާ އެކު ޕްރިފަރެންޝަލް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން އެކިއެކި މުދަލުން ބޮޑު ޓެރިފެއް ލުއިވެގެން ދާނެކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ އެއްބަސްވުމަކީ ދިވެހީންނަށް އޭގެ ފާއިދާ ވަރަށް ބޮޑު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން، އެ އެއްބަސްވުމުގެ ސަބަބުން 296 ބާވަތުގެ ސީފުޑް ޑިއުޓީއާ ނުލާ ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒު ކުރުމުން ދުރު ރާސްތާގައި ރާއްޖެއިން އިމްޕޯޓަށް ބަރޯސާވާ މިންވަރު ދަށްކުރެވި އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށެވެ.

"އެހެންނަމަވެސް މިވަގުތުން މި ވަގުތަށް ވެސް އަޅުގަނޑުމެން އެބަޖެހޭ ބާޒަރުތަކަށް، ރާއްޖެއިން އެއްވެސް އެއްޗެއް އުފެއްދޭނަމަ އެ އެއްޗެއް ހުރަހެއް ނެތި އެކްސްޕޯޓް ކުރެވެން،" ސައީދު ވިދާޅުވިއެވެ.

ރާއްޖެ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ސިނާއަތަކީ ދުނިޔޭގެ އެންމެ ނާޒުކު އެއް ސިނާއަތް ކަމަށެވެ. އެހެންވީމާ ފަތުރުވެރިމަށް އަރާ ކޮންމެ ލޮޅުމެއްގެ ނުރައްކާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/192649

މިދިޔަ އަހަރުގެ މެއި މަހު އިންޑިއާއިން ވަނީ އެގައުމުން އެހާތަނަށް، ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް ރާއްޖެއިން ބޭނުންވާ ނަމަ އެކަން ކުރުމަށް އެ ގައުމުން ވިސްނާނެ ކަމަށް ބުނެފައެވެ.

އިންޑިއާއިން އެފަދައިން ބުނިއިރު، މިދިޔަ އަހަރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން އޮތީ ހީނަރުވެފައެވެ. ނަމަވެސް، އެ ގުޅުން ރަނގަޅު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، ގުޅުން ކުރިން އޮތް ގޮތަށް ރުޖޫއަވެފައިވާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް