ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ސިއްރުން އެތެރެކުރިކަމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ތުހުމަތުކޮށް ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސްއިން ގުޅިގެން މައްސަލަ ބަލަން ފަށައިފިއެވެ.
ރާއްޖޭގައި ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ، ހޯކްސްގެ ބޯޓަކުން އެތެރެކުރަން އުޅުނު ކަމަށް ތުހުމަތު ކުރާ އެ މާސްޓާ ކާޓަންތައް ހިފެހެއްޓީ މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހެވެ.
އެ ކަމުގެ އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގް އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލުމުން އެނގިފައިވާ ގޮތުގައި، އެ ބޯޓު ރާއްޖެ އައީ މިދިޔަ އޮކްޓޯބަރު 24ވަނަ ދުވަހެވެ.
ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވާކަމަށާއި އޮކްޓޫބަރު 25ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރިކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގެ ކުށެވެ.
ދަ ހޯކްސް އަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެކެވެ.
މި މައްސަލައިގައި މީގެ ކުރިން ހޯކްސްއިން ނެރެފައިވާ ބަޔާނެއްގައިވަނީ ރާއްޖެއަށް ސިއްރުން ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށާއި، އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ޚިލާފު އަމަލެއް ކުރީ މުވައްޒަފުންތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތް ކަމަށް ކުންފުނިން ބުންޏެވެ.
މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ. އެގޮތުން ސިއްރު ބާޒާރުގައި 160 އެއްހައި ރުފިޔާއާ ހަމައިގައި ގަންނަން ލިބެން ހުރެއެވެ.
ހޯކްސްގެ ބޯޓަކުން މިދިޔަ އޮކްޓޯބަރުގައި ސިއްރުން ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރި އިރު، އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގެ މިންވަރު އިތުރުކުރުމަށާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސިނގިރެޓުގެ ބާވަތްތައް މަނާ ކުރުމަށް ނިންމަވާފައެވެ. މިހާރު އެ ނިންމުންތައް ތަންފީޒުކުރަން ވަނީ ފަށައިފައެވެ.