ހއ. ތަކަންދޫއަކީ ތާރީޚީ ގޮތުންނާއި ރަށުގެ އާސާރީ ތަންތަނުގެ ގޮތުން ވަރަށް ބޮޑު ޚާއްސަކަމެއް ދޭންޖެހޭ ރަށެއް ކަމަށާއި، ސަރުކާރުގެ ވިސްނުން ހުރީ އެ ތަންތަން ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ފުޅާކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ޒިޔާރާތްކުރުމަށް ރައީސް މުއިިއްޒު މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ ތަކަންދުއަށް ޒިޔާރާތްކުރައްވައިފައެވެ. އަދި އެ ރަށުގެ އާސާރީތަންތަން ރައީސް ބައްލަވައި ލެއްވެވިއެވެ. އޭގެ ތެރޭގައި އެ ރަށުގައި ހުންނަ އަލިތަކުރުފާނުގެ ޒިޔާރަތާއި ދުވަސްވީ ސަހަރާ ވެސް ހިމެނެއެވެ.
އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ ރަށަކީ ތާރީޚީ ގޮތުން ބަލާއިރު ސަރުކާރުގެ ގައުމިއްޔަތު ތަރައްގީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ. އެގޮތުން އެ ރަށުގައި ވަރަށް މުހިންމު ތާރީޚީ ތަރިކަތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ރަށުގެ ތާރީޚީ ކަންތައްތައް މާ ގިނަކަމަށް ވިދާޅުވިއެވެ.
"ހިރިގަލުން ބިނާވެފަހުރި ގާބުރުސްތާނު އެއީ، އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ އެންމެ ބޮޑު ގަބުރުސްތާނަށްވުން ހިމެނޭ [ކަމަށް]. ކޮންމެ ގޮތެއް ވިޔަސް ވަރަށް ހިސްޓޮރިކް ވެލިއު ހައި، ހެރިޓޭޖް ވެލިއު ހައި ތަނެއް،" ރައީސް ވިދާޅުވިއެވެ.
"...މި ރަށަކީ ގައުމީ ފެންވަރެއްގަ އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގަ އަޅުގަނޑުމެންގެ ސިޔާސަތުގަ ކަނޑައަޅާފަ އޮތީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ ތާރީޚު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއަށް ބަލާއިރު ވެސް ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ 'ޔުނީކް' ކަމެއް ލިބިގެންވާ މަދު ރަށްތަކުގެ ތެރޭގައި ތަކަންދޫ ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށުގައި ހުރި ތާރީޚީ ތަންތަން ހިމާޔަތްކުރުމަށް ބަޖެޓުގެ ތެރެއިން ވެސް ޚަރަދުކުރައްވާނެ ކަމަށެވެ. އެގޮތުން އެތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަގީގީ ސިފައަށް އިއާދަކުރުމަށްފަހު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގަވާނެކަމަށް ވިދާޅުވިއެވެ.
އޭރުން ތާރީޚު ދަސްކޮށް ދިރާސާކުރުމަށް ބޭނުންވާ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށްވެސް އޭގެ ނަފާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އަނެއް ނަތީޖާއަކީ ތަކަންދޫގައި ޓޫރިޒަމް ފުޅާކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ތާރީޚާ ސަގާފަތަށް ލޯބިކުރާ އެތައް މިލިއަން ފަތުރުވެރިންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭރުން ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމަށް ފުޅާކުރެވޭނެ ކަމަށެވެ.
"މިފަދަ ތަންތަން ހިމާޔަތްކޮށް، އެ ތަންތަނުގެ ވާހަކަތައް ކިޔައިދެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރެވިއްޖެނަމަ އެކަން ވެގެންދާނީ، ތާރީޚަށް ލޯބިކުރާ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ފުރުސަތަކަށް. އެއާ ގުޅުވައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ގޮސްފިއްޔާ ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ސަރުކާރާ ގުޅިގެން އެ ރަށުގެ ކައުންސިލުން ވެސް ތިބީ އެކަން ކުރުމަށް ތައްޔާރަށް ކަމަށާއި އެކަމުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ތަކަންދޫގެ ޕޮލިސް ޕޯސްޓު ވަނީ އެމަނިކުފާނު ހުޅުވައިދެއްވައިފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ވެސް ނަންގަވައިދެއްވައިފައެވެ.
ހަމައެއާއެކު ތަކަންދޫގައި ގާއިމުކުރާ އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާ ވަނީ އަޅައިފައެވެ. ބިންގާ އަޅައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.