ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ޑީޕްސީކްއިން "ޖާނަސް ޕްރޯ 7ބީ"ގެ ނަމުގައި އައު އޭއައި މޮޑެލްއެއް ނެރެފިއެވެ.
މިއަދު ނެރުނު މި މޮޑެލްއަކީ އޯޕަން-ސޯސް އިމޭޖް ޖެނެރޭޝަން މޮޑެލްއެކެވެ. މިއީ ޑީޕްސީކްއިން ފަހަކަށް އައިސް ނެރެމުންދާ އެކި ބާވަތުގެ އޭއައި މޮޑެލްތަކުގެ ތެރެއިން އެންމެ ފަހުގެ މޮޑެލެވެ.
އެ ކުންފުނިން ބުނާ ގޮތުގައި މި އައު މޮޑެލްގެ ފެންވަރު އޯޕެންއޭއައިގެ ޑޯލް-އީ-3 އަށްވުރެ މަތިވާނެއެވެ. އަދި މި މޮޑެލް ވެސް އެހެން މޮޑެލްތަކެކޭ އެއްފަދައިން އެކަޑަމިކް އަދި ވިޔަފާރީގެ ބޭނުންތަކަށް ހިލޭ ބޭނުންކުރެވޭނެއެވެ. މޮޑެލްގެ ސޯސް ކޯޑް ވަނީ މިހާރު ގިތްހަބް އަދި ހަގިން ފޭސް ޕްލެޓްފޯމުތަކުގައި ޝާއިއުކޮށްފައެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި އައު މޮޑެލް ޑިޒައިންކުރުމުގައި އެތައް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މީގެތެރޭގައި އިމޭޖް ޖެނެރޭޓްކުރުމަށް ބޭނުންކުރާ އާކިޓެކްޗާ އަދި އެންކޯޑަރަށް ގެނައި ބަދަލުތައް ހިމެނެއެވެ. އެންމެ ބާރު ސްޕީޑުގައި މަސައްކަތްކުރުވުމަށްޓަކައި، މި މޮޑެލްގައި ވިޝުއަލް އެންކޯޑިން ވަނީ ވަކި ޕާތުތަކަކަށް ބަހާލެވިފައެވެ.
މި މޮޑެލްގެ ޓެސްޓުތަކުން ދައްކާ ގޮތުގައި މި މޮޑެލްއަށް ޖެންއިވާލް އަދި ޑީޕީޖީ ބެންޗްމާކްތަކުގައި ޑާލީ-3 އަށް ވުރެ މަތީ ސްކޯތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މިނިވަން ފަރާތްތަކުން މި މޮޑެލް ޓެސްޓްކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ކުންފުނިން ބުނެއެވެ.
މި މޮޑެލް ނެރުމާއެކު، ޕާޕްލެކްސިޓީ އޭއައި ޕްލެޓްފޯމުންވަނީ ޑީޕްސީކުގެ އާރް1 މޮޑެލްވެސް އެ ޕްލެޓްފޯމުގައި ބޭނުންކުރެވޭނެކަން އިއުލާނުކޮށްފައެވެ.
އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވީ ޑީޕްސީކުގެ އާރް1 މޮޑެލް ވަރަށް ފެންވަރު ރަނގަޅު ކަމަށެވެ. އަދި އޭގެ އަގަށް ބަލާއިރު އެ މޮޑެލްގެ ފެންވަރު ވަރަށް މަތި ކަމަށެވެ. އޭއައި މޮޑެލްތަކުގެ މެދުގައި މިހާރު އުފެދިފައިވާ ވާދަވެރިކަމާ މެދު އުފާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑީޕްސީކްގެ ފަހަތުގައި ތިބި ދިރާސާވެރިން ބުނާ ގޮތުގައި އާރް1 މޮޑެލް ތައްޔާރުކުރުމަށް ޚަރަދުވީ ހަ މިލިއަން ޑޮލަރަށްވުރެ ދަށް އަދަދެކެވެ. އަދި އެ މޮޑެލް ތައްޔާރުކުރީ އަގުބޮޑު ވަސީލަތްތައް ނުލައި ކަމަށް ބުނެއެވެ.
މި މައުލޫމާތު ހާމަވުމާއެކު، އެންވިޑިއާގެ ހިއްސާގެ އަގު ވަނީ 13 އިންސައްތަ ދަށްވެފައެވެ. މިއީ އެންވިޑިއާގެ ތާރީޚުގައި އެންމެ ބޮޑަށް އަގު ދަށްވި ފަހަރެވެ. މި ދަށްވުމާއެކު އެންވިޑިއާގެ މާކެޓް ވެލިއުއިން 465 ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.
މާހިރުން ދެކޭގޮތުގައި އެންވިޑިއާގެ ހިއްސާގެ އަގު ދަށްވުމަށް ދިމާވި މައިގަނޑު ސަބަބަކީ، އަގުހެޔޮކޮށް އަދި އެންވިޑިއާގެ ޖީޕީޔޫތައް ބޭނުންނުކޮށް އާރް1 ފަދަ ފެންވަރު މަތީ މޮޑެލްއެއް ތައްޔާރުކުރެވިދާނެކަން ސާބިތުވުމެވެ.