"މި ވެރިކަން ފެށުނުއިރު އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ,"
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ލޯބިވާ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރުމުން އަބްދުއްރަޙީމް 'ދައުރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަރަށް ސާފުކޮށް ގުޅުން ގޯސްކަމަށް އެއްބަސްވެލެއްވިއެވެ. ގުޅުން ރަނގަޅު ނަމަ މިހެން ކަން ދިމާނުވީސް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
އެހެންވީމާ ޔަގީނުން ވެސް ކުރިން އެ އޮތް ގާތް، ރަހުމަތްތެރި، އެކުވެރި ގުޅުން ކެނޑިއްޖެއެވެ.
ފައިސަލް މަގާމުން ވަކިކުރީ ވަކި ސަބަބެއް ނުބުނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް ސަބަބެއް ނުބުނެއެވެ. އަބްދުއްރަހީމް ވެސް ވިދާޅުވީ، ސަބަބެއް ނޭނގޭ ކަމަށެވެ. ވީގޮތެއް ނޭނގޭ ކަމަށެވެ.
އަބްދުއްރަޙީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންއިރު އެންމެ އަރިސް ބޭފުޅާއެވެ. ފުރަތަމަ ހުންނެވީ ރައީސްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. ޗީފް މިނިސްޓަރުގެ މަގާމުގައެވެ. ރައީސްގެ ބަސްފުޅުން ނަމަ، ސިޔާސީ ގޮތުން އެ މަނިކުފާނު އެންމެ ފަހުރުވެރިވާ ބޭފުޅާއެވެ. އަބްދުއްރަޙީމްގެ ބަސްފުޅުން ނަމަ، ރައީސާ އެންމެ ގާތް ބޭފުޅަކީ އެ މަނިކުފާނެވެ.
ރައީސާއި އަބްދުއްރަޙީމްގެ ގުޅުން ފެށެނީ ޕީއެންސީ ސެނެޓުގައި ބޭއްވި ޕްރައިމަރީއާ ހަމައިންނެވެ.
އެ ޕްރައިމަރީ ކާމިޔާބުކޮށް، އޭރު މާލޭ މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަކީ ސިޔާސީ ހަޔާތުގެ އެންމެ ކާމިޔާބު، އެންމެ ބުރަ، މަސައްކަތުގެ ގޮތުގައި އަބްދުއްރަޙީމް އިޝްތިހާރުކުރެއްވިއެވެ. އެ މަނިކުފާނު ފަޚުރުވެރިކަމާ އެކުގައި ތަކުރާރުކޮށް، އެތައް ޕޯޑިއަމެއްގައި އެ ވާހަކަ ވިދާޅުވިއެވެ. އެއީ، އެ މަނިކުފާނުގެ ބުރަ، މިންނެތް މަސައްކަތް ކަމުގައެވެ.
އެ މަނިކުފާނު އަތުރާ ފެންވަރުގައި އެއްވެސް ސިޔާސީ ބޭފުޅަކަށް ކުޅިބައި ނޭތުރޭނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. ހިތުގެ އަޑިން އެކަން ގަބޫލުކުރައްވައިގެން މޭފުޅުގައި އަތްޖައްސަވާފައެވެ.
ފައިސަލް ވަކިކުރީ ކީއްވެ؟ އަދުރޭ ވަކިކުރާނެތަ؟
ރާއްޖޭގެ އިގުތިސާދު މުޅިން ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރުކަމަށް ފައިސަލް އައްޔަންކުރުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. އެކަމަކު، ބަލަން ތިބި އެންމެންނަށް ވެސް އެ ނިންމެވުމުން ފެނުނީ ރައީސާއި އަބްދުއްރަޙީމާ ދެމެދުގައި އޮތް ގުޅުމެވެ. ދެ ބޭފުޅުންގެ ގާތްކަމެވެ.
މަގާމުގެ ކުރީކޮޅު އިނގިރޭސި ބަހުން ދެއްވި ބައެއް ތަގުރީރުތަކާ ގުޅުވައި ފައިސަލް ވަކިކުރަން ގިނަ ބަޔަކު ގޮވައިލިއެވެ. 'ފެންވަރު ދަށް' ކަމަށް ބުނެއެވެ.
އެ ހުރިހާ ޕްރެޝަރާއި ފާޑުކިޔުންތަކުގެ ތެރެއިން ވެސް ރައީސް، ފައިސަލަށް ފުރުސަތު ދެއްވިއެވެ. މަޖިލީހުގެ ރައީސް ކަމަށް ވެސް އިންތިޚާބުކުރީ އަބްދުއްރަޙީމެވެ. އެ މަގާމަށް މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ފައިނެންގެވިއެވެ. އެކަމަކު، އަބްދުއްރަޙީމަށް މަޖިލީހުގެ ރައީސްކަން ދެއްވަން ނިންމެވީ ސީދާ ރައީސް މުއިއްޒެވެ. އެއީ، ވެސް އެ ދެ ބޭފުޅުންގެ މެދުގައި އޭރު އޮތް ގާތްކަމެވެ. އެކުވެރިކަމެވެ. އިތުބާރެވެ.
އަބްދުއްރަޙީމާއި ރައީސާ ދެމެދު ގުޅުން ގޯސްވެފައި އޮންނަނީ ދުވަސްކޮޅެއްވެއްޖެއެވެ.
އެކިއެކި މަސްދަރުތަކުން އައީ ފައިސަލް ވަކިކުރާނެ ކަމަށް ބުނަމުންނެވެ. އެ ވާހަކަ ތުންތުން މަތިން އަޑުއިވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ސަރުކާރު ތެރޭ ތިބި، އިސްވެރިންނާއި ކުދި ވެރިން ވެސް އެ ވާހަކަ ކިޔައިދެއެވެ. އެކަމަކު، ސާފު ސަބަބެއް ވިދާޅެއް ނުވެއެވެ. އެ ކަން ކުރައްވަން ރައީސް އުޅުއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
"ރައީސް އަބްދުއްރަޙީމަށް އިންފޯމްކުރެއްވި ފައިސަލް ވަކިކުރައްވަން އުޅޭ ކަމަށް. އަބްދުއްރަޙީމް ވިދާޅުވި ކަމަށްވަނީ ފައިސަލް ވަކިކޮށްފިއްޔާ ތިމަންނަ އިސްތިއުފާ ދޭނަމޭ،" އެތެރެއިން މައުލޫމާތު ދިން ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން ވިދާޅުވިއެވެ. އެކަމަކު، އެ ދުވަހު އެ ވާހަކަދެކެވުނު ފަހުން ކިތަންމެ ދުވަހެކެވެ. ފައިސަލް ވަކިކުރީ އޭގެ ފަހުން އެތައް ދުވަހެއް ފަހުންނެވެ.
މިހާރު އަބްދުއްރަޙީމް މަގާމުން ވަކިކުރަން ވެސް ބައެއް މެންބަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. ބައެއް މަޖިލީސް މެންބަރުން ވިދާޅުވާ ގޮތުގައި ޕީއެންސީގެ ތެރެއިން އަންނަނީ އަބްދުއްރަހީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަކުރަމުންނެވެ. ރައީސް އަންގަވައިގެން ކަމެއް، އެ މެންބަރުން ބޭނުންވާވަރުން ކަމެއް ނޭނގެއެވެ.
"ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.
"ވަރަށް ދެރަވަރުކޮށް މި ދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމު ވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަނބުރަށް ހުތުރުވާނެ މި ކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ،"
ސިޔާސީ ގޮތުން ދިގު، ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ އަބްދުއްރަޙީމް ވިދާޅުވީ ވީގޮތެއް ނޭނގޭ ކަމަށެވެ. އޮފީހަށް ވަޑައިގެން ތަނުން މަގާމުން ވަކިކޮށްފިއޭ ވިދާޅުވީ ފައިސަލް ގުޅުއްވާފައި ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެ މަނިކުފާނު ހުންނެވީ މެލޭޝިއާގައެވެ.
ދެން ވާނީ ކިހިނެއް؟
މަޖިލީހުގައި ޕީއެންސީއަށް އޮތް ސުޕަމެޖޯރިޓީއާ އެކު އަބްދުއްރަޙީމް އެ ހުންނެވި މަގާމަކީ ރައީސްގެ އަތްޕުޅުގައި އޮތް ކަމެކެވެ. ޕީއެންސީގައި ހުރިހާ ބާރުވެރިކަމެއް އޮތީ ވެސް ރައީސްގެ އަތްޕުޅުގައެވެ. ޕީއެންސީގެ ޗެއާޕާސަންކަމުގައި ހުންނެވޭނީ ވެސް ރައީސް ބޭނުންފުޅު ނަމައެވެ. ނުވިތާކަށް، ޕާޓީން ވަކިވެއްޖެ ނަމަ، ނޫނީ ވަކިކުރިޔަސް އަބްދުއްރަޙީމް ވިޔަސް އޭނާގެ ގޮނޑި ގެއްލޭނެއެވެ. އެ ގޮތަށް ގާނޫނުއަސާސީ އެ އޮތީ އިސްލާހުކޮށްފައެވެ. އަބްދުއްރަޙީމް ވެސް ރުހިގެންނެވެ.
"މަޑުމަޑުން ހުންނެވުން ނޫން ކޮން ގޮތެއްތޯ އޮންނާނީ؟ ދެކޮޅުވެއްޖެ ނަމަ ހަމަ ޔަގީނުން ވެސް މަޖިލީހުގެ ރިޔާސަތު ގެއްލޭނެ. އަނެއްކާ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ގެއްލޭނެ. އާ އިސްލާހާ އެކު ގޮނޑި ވެސް ގެއްލުމުގެ ބިރު އެބައޮތް ދޯ،" މަސްރަޙު ދިރާސާކުރައްވާ ބޭފުޅަކު ހިޔާލު ހިއްސާކުރެއްވިއެވެ.
އަބްދުއްރަޙީމާ އެކުގައި ސަރުކާރު ދޫކުރައްވާ ވަޑައިގަންނަވާނެ ބޭފުޅަކު ހުރެދާނެ ކަމަކަށް ނުފެނެއެވެ. އަމުދުން، މަޖިލީހުގެ މެންބަރެކެވެ. އެހެންވެ، އަބްދުއްރަޙީމްގެ ސިޔާސީ ބާރު އެ ދަނީ ކެނޑެމުންނެވެ.
"އަބްދުއްރަޙީމަކީ މާ ޕޮޕިއުލާ ބޭފުޅެއްތަ؟ ފައިސަލަކީ މާ ޕޮޕިއުލާ ބޭފުޅެއްތަ؟،" ރައީސްގެ އަރިސް ބޭފުޅަކު ސުވާލަކުން ސުވާލަށް ޖަވާބު ދެއްވިއެވެ.
އެ ބޭފުޅާ ވިދާޅުވާ ގޮތުގައި 'ފަހުން ރަނގަޅުވާނެ'އެވެ. ފުރަތަމަ ކޮޅުގައި ސަރުކާރަށް ޑެމޭޖެއް ދޭނެ ދެތިން އެއްޗެއް ވިދާޅުވެދާނެއެވެ. އެކަމަކު، ރަނގަޅު، ހިންގުންތެރި ބޭފުޅަކު އެ ވުޒާރާއަށް ލާންޖެހޭނެ ނޫންހެއްޔޭ އެ ބޭފުޅާ އެއްސެވިއެވެ. ޖަވާބުތަކުގައި ގިނައިން އައީ އެ ފަދަ ސުވާލުތަކެވެ. ހީވީ އަނގައިން އެއްޗެއް ބުނުއްވަން އުޅުނުހެންނެވެ.
ދެން އަމަލުކުރައްވާނެ ގޮތެއް ނޭނގެއެވެ. އަބްދުއްރަޙީމް ވިދާޅެއްނުވެއެވެ. ފައިސަލް ވިދާޅުވީ، ދެން މާ ގަދަކޮށް ފެންނާނެ ކަމަށެވެ. އެކަމަކު، އަމަލުކުރާނެ ގޮތެއް ވިދާޅުވެވޭނީ ބައްޕައާ ވެސް ވާހަކަދައްކަވާފައޭ ވިދާޅުވިއެވެ. ރައީސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަބްދުއްރަޙީމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރަން ޒަމާނުގައި އެ މަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވި ބޭފުޅެކެވެ. އޭގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އިތުބާރުކުރާ ލިސްޓުގައެވެ. ސިޔާސީ ގޮތުން އެ ފިކުރުގެ ހުރިހާ ރައީސުން ވެސް އަބްދުއްރަޙީމް ގެންގުޅުއްވީ ވަރަށް އަރިހުގައެވެ. ރައީސް މުއިއްޒު އަދި އަބްދުއްރަޙީމް ގެންގުޅުއްވީ މާ ބޮޑަށް އަރިހުގައެވެ.
އެކަމަކު، ކުރީގެ އިތުބާރު ގެއްލިއްޖެއެވެ. ގުޅުން ކެނޑިއްޖެއެވެ. އަބްދުއްރަޙީމްގެ ސިޔާސީ ހިކުމަތް އެނގޭނީ ދެނެވެ. މޭފުޅުގައި އަތްޖައްސަވާފައި އޭރު ވިދާޅުވިހާ ބޮޑު ސިޔާސީ އިލްމުވެރިއެއް ނަމަ ވެސް ފެންނާނެއެވެ. ނޫނީ، މަޑުމަޑުން ގޮސް އަބްދުއްރަޙީމްގެ ސިޔާސީ ތަރި އެ އޮއްސެނީއެވެ.