ރައީސް މުއިއްޒަށް އަންނަ ހަމަލާއެއް އަރާނީ އަޅުގަނޑުގެ ގަޔަށް އަރާފައި: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަށް އަންނަ ހަމަލާއެއް އަރާނީ އެމަނިކުފާނުގެ ގަޔަށް އަރާފައި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް އަންނަ ހަމަލާއެއް އެމަނިކުފާނުގެ ހަށިކޮޅަށް އަރާނީ، ތިމަންނާގެ ގަޔަށް އެރުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ މި ސަރުކާރު ދެމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ސިޔާސީ ގޮތުން އެއް ފިކުރެއްގައި ހުންނަވާނެ ބޭފުޅެއް ކަމަށެވެ.

އަޅުގަނޑަކީ ސިޔާސީ ގޮތުން އެއްގޮތެއްގައި އަބަދުވެސް ހުންނާނެ މީހެއް. 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އައީ ވެސް އެ ފިކުރުގައި. އަދިވެސް މިހުރީ މި ފިކުރުގައި. ލީޑަރު އަބަދުވެސް އަޅުގަނޑު ދޫކޮށްލާފަ ދަނީ. ރައީސް މައުމޫނު އަޅުގަނޑު ދޫކުރައްވާ ވަޑައިގަތީ. ދެންވެސް އަޅުގަނޑު ހުރީ މިފިކުރުގައި ސާބިތުވެ [ރައީސް] ޔާމީނާ އެކީގައި ހުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނަށް ވުރެ ރައީސް ޔާމީން ދިފާއުކުރެއްވި އިތުރު އެހެން މީހަކު މި ރާއްޖެއަކު ނުހުންނަވާނެ ކަމަށާއި ޔާމީންގެ ހައްގުގައި އެމަނިކުފާނުވީ ގުރުބާނީ ވެވޭނެ އެކަކު ވެސް ނުހުންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތަށް މިއަދު ވެސް ހުންނެވީ ހަމަ އެ ފިކުރުގައި ރައީސް މުއިއްޒާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ކެރިގެން މި ދަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަންނަ ހަމަލައެއް އެމަނިކުފާނަށް އެރުމުގެ ކުރީގަ އަޅުގަނޑަށް އަރާފަ ރައީސް މުއިއްޒު ގަޔަށް އަރަންޖެހޭނީ. އެ ފެންވަރަށް މިހުރީ ރައީސް މުއިއްޒާ އެކީގައި،ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް އެމަނިކުފާނުގެ ވެރިންނަށް އިޚުލާސްތެރި، ތެދުވެރިވާނެ މީހެއްކަމަށާއި އެގޮތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

އަދި މި ވެރިކަން ދަމަހައްޓަވާނެ ކަމަށާއި "ފެހި ގާނޫނު އަސާސީގެ ދަށުން ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކީ ރައީސް މުއިއްޒު" ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމަކީ، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަންގެ އިތުރުން ރައީސް މުއިއްޒުގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. މި ވެރިކަން ގެނައުމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތްވެސް ކުރެއްވި ބޭފުޅެކެވެ.

އޭގެ ކުރިން އެމަނިކުފާނަކީ ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅާއެވެ. އެހެން ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް އެމަނިކުފާނު ވަނީ ރައީސް މުއިއްޒަށް ތާއީދުކުރައްވާ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރައްވާފައެވެ. އޭގެ ފަހުން ޔާމީން ވަނީ ސިޔާސީ އެކި ޕޯޑިއަމްތަކުގައި އަބްދުއްރަހީމަށް ވަރަށް ބޮޑަ ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް