11 މަހުން 28 މިލިއަން ރުފިޔާ ދައްކަން ފެނަކައަށް ހުކުމެއް

ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް 11 މަހުން 28 މިލިއަން ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމެއް ކޮށްފައި --

ޖުމްލަ އެގާރަ މަސްދުވަހަށް ބަހާލައިގެން 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމެއް ކޮށްފިއެވެ.

މިއީ ދިމަހް ޕްރައިވެޓް ލިމިޓެޑާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު 2022 އަދި 2023ގައި އެކި ފަހަރުމަތިން ހަދައިފައިވާ އެއްބަސްވުންތަކުގެ ދަށުން، ދިމަހްއިން ފެނަކައަށް ދޫކޮށްފައިވާ ޚިދުމަތާއި މުދަލުގެ އަގަށް އަރާފައިވާ 31 މިލިއަން ރުފިޔާ ދައްކާފައިނުވާތީ ސިވިލް ކޯޓުން ބެލި މައްސަލައެކެވެ.

މީގެ ތެރެއިން ފެނަކައިން އޮތީ އެ ކުންފުންޏަށް ތިން މިލިއަން ރުފިޔާ މީގެ ކުރިން ދައްކައިފައެވެ.

މި މައްސަލައިގައި ދިމަހް ޕްރައިވެޓް ލިމިޓެޑުން އެދިފައި އޮތީ އެ ކުންފުނިން ފެނަކައަށް ދޫކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ ނުލިބިވާ ފައިސާގެ ޖުމްލަ، 28،116،900.76 ރުފިޔާ 11 މަސްދުވަހަށް ބަހާލައިގެން، ކޮންމެ މަހަކަށް 2.5 މިލިއަނަށްވުރެ މަދުނޫން އަދަދެއް ދައްކަން ހުކުމް ކޮށްދިނުމަށެވެ.

ފެނަކައިން ދިމަހްއަށް ދައްކަންޖެހޭ ފައިސާ މި ގޮތުގެ މަތީން ދެއްކުމަށް ހުކުމްކޮށްދިނުމަށް ފެނަކައިން ވެސް ކޯޓުގައި އެދުނެވެ. ދައުވާގައި ހުށަހެޅި ގޮތަށް ފައިސާ ދައްކަން ފެނަކައިން ވެސް އެއްބަސްވެފައިވާތީ ކޯޓުން ހުކުމްކޮށްދީފައިވަނީ އެ ގޮތަށެވެ.

މިދިޔަ ޑިސެންބަރުގައި ވެސް 7.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކުރިއެވެ.

ފެނަކައިގެ ހާލަތު ގޯހުން ގޯހަށް މިސްރާބު ޖަހައިފައިވާފަދަ މޭރުމަކުން ވިދާޅުވެ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ވަނީ މި ފަހުން އިސްތިއުފާ ވެސް ދެއްވާފައެވެ. އެއާއެކު އެ މަގާމަށް ދެން އައްޔަނުކުރެއްވީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.

https://sun.mv/200581

މި ސަރުކާރު އައި ފަހުން ވެސް ފެނަކައަށް އާ 1،392 މުވައްޒަފުން ނަގާފައިވެއެވެ. އެ މުއްދަތުގައި 400 މުވައްޒަފުން ވަކިވެސް ކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޚިޔާނާތުގެ ދައުވާކޮށްފައިވާއިރު، އެ ކުންފުނީގެ ކުރީގެ ވެރިން ހިމެނޭ ސީރިއަސް އިތުރު މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް