އެމެރިކާގެ ސިފައިންނަށް ހަމަލާދިނުމުގައި އީރާނުން ސްޓާލިންކް ބޭނުންކޮށްފި

އެމެރިކާގެ ސިފައިންނަށް ދިން ހަމަލާތަކުގައި އީރާނުން ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ބޭނުންކޮށްފިއެވެ.

މަސްދަރުތަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން އީރާނުން ވަނީ ސްޕޭސްއެކްސްގެ މި ހިދުމަތް އަސްކަރީ ބޭނުންތަކަށް ބޭނުންކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި، އީރާނުގެ އާންމު މުއާސަލާތީ ނިޒާމުތަކަށް އެމެރިކާއިން ހަމަލާދިނުމުން، ކޮމާންޑް އެންޑް ކޮންޓްރޯލް މަސައްކަތްތަކަށާއި ޑްރޯން ހަމަލާތައް ކުރިއަށް ގެންދިއުމަށް އީރާނުން ބޭނުންކުރީ ސްޓާލިންކެވެ.

މިކަމުގެ ތަފްސީލުތައް ހިމެނޭ ސިއްރު ރިޕޯޓެއް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުއަށް ހުށަހަޅާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކުންފުނީގެ އެތެރޭގެ މަޝްވަރާތައް އެނގޭ ދެ މީހަކާ ހަވާލާދީ އެ ނޫހުން ބުނީ، އެމެރިކާގެ ސިފައިންނާ ދެކޮޅަށް އީރާނުން ހިންގި ހަރަކާތްތަކާ ގުޅުންހުރި ގޮތަށް ހުއްދަނެތި ދެ ފަހަރެއްގެ މަތިން ސްޓާލިންކް ބޭނުންކޮށްފައިވާކަން ސްޕޭސްއެކްސްގެ ޓީމަށް ދެނެގަނެވުނު ކަމަށެވެ. އަދި މިކަން އެނގިވަޑައިގަތުމުން އެ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ވަރަށް ބޮޑަށް ކޯފާވެވަޑައިގެންނެވި ކަމަށެވެ. މީގެ އިތުރުން، ސްޓާލިންކްގެ އަސްކަރީ ވާޝަން ކަމަށްވާ ސްޓާޝީލްޑްގައި، އެއްގަމު އޮޕަރޭޝަންތަކަށް ހާއްސަ އަގުހެޔޮ ޕްލޭނެއްގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއިން ވަން-ވޭ ޑްރޯން އުދުއްސިކަންވެސް މަސްކަށް އެންގި ކަމަށް އޭގެ ތެރެއިން އެކަކު ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، ޑިފެންސް ސެކްރެޓަރީގެ އޮފީހަށް އެފަދަ ރިޕޯޓެއް ލިބިފައިވާކަން އެ އިދާރާއަށް އެނގިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ސްޕޭސްއެކްސްއާއި އީރާނުގެ ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނުގައި ސްޓާލިންކްގެ ހިދުމަތް ދިނުމުގެ ރަސްމީ ހުއްދަ އޮތް ނަމަވެސް، އެ ގައުމުގައި އެ ހިދުމަތް އެކްޓިވްކޮށްފައިވާ ކަމަށް މަސްކް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މިދިޔަ ޖެނުއަރީ މަހު އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އިންޓަނެޓް ކަނޑާލުމުން، އެމެރިކާ ސަރުކާރުން ވަނީ ސިއްރިޔާތުގައި އެތައް ހާސް ސްޓާލިންކް ޓާމިނަލެއް އީރާނަށް އެތެރެކޮށްފައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާތައް ފެށި ފަހުން، އީރާނު ސަރުކާރުން އަންނަނީ އިންޓަނެޓް ބޭނުންކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރަމުންނެވެ.

comment ކޮމެންޓް