ޗައިނާގެ ޖާސޫސީ މައްސަލައިގައި ޖެންސަން ހުއާން ކޮންގްރެސްއަށް ހާޒިރުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް ---

އެމެރިކާގެ ޗިޕް އުފައްދާ ބޮޑު ކުންފުނި އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާއާ ގުޅުންހުރި ޖާސޫސީ އަދި އަޚްލާގީ މައްސަލަތަކެއްގައި މަގާމުން އިސްތިއުފާ ދިނުމަށްފަހު އަލުން މަގާމަށް ރުޖޫއަވުމާ ގުޅިގެން، އަންނަ އަންގާރަ ދުވަހު އެމެރިކާގެ ކޮންގްރެސްގެ ސުވާލުތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެކި އަންހެނުންނާއެކު ބޭއްވި ނާޖާއިޒު ގުޅުންތަކުގެ ތެރޭގައި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭތީ ހުއާން މަގާމުން އިސްތިއުފާ ދިންތާ އެންމެ 11 ދުވަސް ފަހުން އަލުން މަގާމަށް ގެނައުމުން، އެމެރިކާގެ ގައުމީ ސަލާމަތާމެދު ކަންބޮޑުވުން އުފެދި، ޗައިނާއަށް ބާރުގަދަ އޭއައި ޗިޕްތައް އެކްސްޕޯޓްކުރުން އިތުރަށް ހަރުކަށިކުރުމަށް ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދަނީ ގޮވާލަމުންނެވެ.

އަންގާރަ ދުވަހު ބާއްވާ ސިއްރު ބައްދަލުވުމެއްގައި ހައުސްގެ ރިޕަބްލިކަން ޕާޓީގެ ތިން ކޮމިޓީއެއް ކަމަށްވާ ފޮރިން އެފެއާޒް، އިންޓެލިޖެންސް އަދި ޗައިނާއާ ބެހޭ ޚާއްސަ ކޮމިޓީން ހުއާންއާ ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންވީޑިއާގެ ބޯޑުން ހިންގި ކުރު ތަހުގީގަކަށްފަހު ޖެންސަން ހުއާން އަލުން މަގާމަށް ގެނައުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި ޖަވާބުދާރީވާންޖެހޭ ސުވާލުތައް ފޮހެވިގެންދާނެ ކަމެއް ނޫން ކަމަށާއި، އެންވީޑިއާގެ އުފެއްދުންތައް ވަގަށް ބޭރުކުރުމާއި، ޗައިނާގެ އަސްކަރީ ބޭނުންތަކަށް އެ ތަކެތި ބޭނުންކުރުމާއި، އަދި އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާގެ އޭއައި ގާބިލުކަން ކުރިއެރުވުމުގައި އެ ކުންފުނިން އަދާކުރި މުހިންމު ދައުރާ ގުޅޭގޮތުން ޖަވާބު ހޯދުމުގައި ދެމިތިބޭނެ ކަމަށް އެ ކޮމިޓީތަކުގެ ޗެއާމަނުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވިއެވެ.

ހުއާން އޭނާ އާންމުކޮށް ލާ ކަޅު ލެދަރ ޖެކެޓް ދޫކޮށްލުމަށްފަހު ނޫކުލައިގެ މަޑު ކޯޓެއްގައި ---

މީގެ އިތުރުން އެންވީޑިއާގެ ޖެނެރަލް ކައުންސެލް ޓިމް ޓީޓަރު އާ ވެސް ބުދަ ދުވަހު ހައުސްގެ މި ކޮމިޓީތަކުން ސިއްރު ބައްދަލުވުމެއްގައި ސުވާލުކުރާނެއެވެ. އަދި ބުރާސްފަތި ދުވަހު ސެނެޓް ބޭންކިން ކޮމިޓީގެ އާންމު އަޑުއެހުމަކަށް ހުއާން ހާޒިރުވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގެ މައިގަނޑު އަސްލަކީ އެމެރިކާގެ އިންޓެލިޖެންސުން ބެއިޖިންއަށް މަސައްކަތްކުރާ ކަމަށް ޝައްކުކުރާ އެލިސް ހުއާން ކުރިން އިސްކޮށް ހުރި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ މެގަސްޕީޑް މެދުވެރިކޮށް އެންވީޑިއާގެ ޒަމާނީ އޭއައި ޗިޕްތައް ޗައިނާއަށް ބަދަލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖެންސަން ހުއާން ނާޖާއިޒު ގުޅުން ބޭއްވި އަންހެނުންގެ ތެރޭގައި އެލިސް ހުއާން ހިމެނޭއިރު، މިކަމުގެ ސަބަބުން ސިޔާސީ ދެ ފަރާތުން ވެސް ދަނީ މި މައްސަލައިގެ ޖަވާބު ހޯދުމަށް ގޮވާލަމުންނެވެ.

ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ވައިޓް ހައުސްގެ އެކްޓިންގ ޗީފް އޮފް ސްޓާފްކަން ކުރެއްވި މިކް މަލްވޭނީ ސީއެންބީސީއަށް ވިދާޅުވި ގޮތުގައި ވޮޝިންގޓަން ޑީސީގައި ދެ ޕާޓީ އެއްބަސްވާ މަދު ކަންކަމުގެ ތެރޭގައި ޗައިނާއާ ދެކޮޅުވުން ހިމެނޭއިރު، ޑިމޮކްރެޓުން މިކަމުގައި ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް ބެލެވޭތީ ރިޕަބްލިކަނުން މިކަމުގައި ފިޔަވަޅު އަޅާ މިންވަރު ބަލަން ޝައުގުވެރިވެއެވެ.

ހުއާން އަލުން މަގާމަށް ގެނައުމަށް ޓްރަމްޕްގެ ސަރުކާރުން ސިއްރިޔާތުގައި މަސައްކަތްކޮށް އާދަޔާ ޚިލާފަށް ސަރުކާރުން މިކަމުގެ ތެރެއަށް ވަދެފައިވީ ނަމަވެސް، ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުން މިހާރުވެސް ދަނީ ޓްރަމްޕަށް ގޮންޖަހައި މި މައްސަލައިގެ ފުޅާ ތަހުގީގުތަކެއް ހިންގުމަށް ބާރުއަޅަމުންނެވެ.

ޓްރަމްޕް ބުރާސްފަތި ދުވަހު ބުނި ގޮތުގައި ހުއާންއަކީ ސަލާމަތީ ނުރައްކަލެއް ނޫން ކަމަށާއި، ސަރުކާރުން މިކަމުގެ ތެރެއަށް ވަނުމަކީ ދުނިޔެއަށްޓަކައި ކުރެވުނު ވަރަށް ރަނގަޅު ކަމެކެވެ.

އެންވީޑިއާގެ ބޯޑުން ހިންގި މިނިވަން ތަހުގީގު އަދި ނުނިމުނު ނަމަވެސް، އެމެރިކާގެ އިސް އޮފިޝަލުންގެ ފަރާތުން ލިބުނު ޔަގީންކަމާއެކު ހުއާން އަލުން މަގާމަށް ގެނައުމުން އެއްވެސް ސަލާމަތީ ނުރައްކަލެއް ނެތްކަމުގެ އިތުބާރު އޮތް ކަމަށް އެ ބޯޑުން ވެސް ވަނީ ބުނެފައެވެ.

މަގާމުން ވަކިވާން އުޅޭ ރިޕަބްލިކަން ކޮންގްރެސްމަން ޑޮން ބޭކަން އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، ހުއާން ސަލާމަތްކުރުމަށް ސަރުކާރުން ކުރި ބަޔާންކުރަން ދަތި މަސައްކަތަށް ބެލުމެއް ނެތި އެންވީޑިއާ އިން ޖެހޭނީ އޭނާއާ ނުލައި ކުރިއަށް ދާށެވެ.

ޗައިނާއަށް މަތީ ފެންވަރުގެ ކޮމްޕިއުޓަރު ޗިޕް ވިއްކުމުގެ ހުއްދަ ދިނީ ކޮން ބައެއްކަން ކޮންގްރެސްއިން ހޯދަންޖެހޭ ކަމަށާއި، އޭއައި ރޭސް ކާމިޔާބުކުރަން ބޭނުންވާ ކަމަށް ބުނަމުން އެމެރިކާގެ އެންމެ މޮޅު ޓެކްނޮލޮޖީ ޗައިނާއަށް ނުދެވޭނެ ކަމަށް ވެސް ޑޮން ބޭކަން ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަހު ޑިމޮކްރެޓުންނަށް ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ލިބުމާއެކު މި މައްސަލައިގައި އިތުރު ތަހުގީގުތައް ފެށޭނެ ކަމަށް ބެލެވެއެވެ.

ސެނެޓްގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމަރ އެކްސްގައި ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ސަރުކާރާއި، ޖެންސަން ހުއާން އާއި، އެންވީޑިއާގެ އެހެން އިސްވެރިން އަދި މާލީ ފައިދާއަކަށްޓަކައި ގައުމީ ސަލާމަތް ވިއްކާލި ކޮންމެ މީހެއްގެ ޣައިރުގާނޫނީ އަމަލުތައް އެ ޕާޓީގެ މަންދޫބުން ތަހުގީގު ކުރާނެއެވެ.

ފަހަކަށް އައިސް ޓެކް ދާއިރާގެ ހިއްސާތަކަށް ލިބުނު ގެއްލުންތަކާއެކު ހަލަބޮލިވެފައިވާ ހިއްސާގެ ބާޒާރުތަކުން ވެސް ކޮންގްރެސްގެ މި އަޑުއެހުންތައް ވަރަށް ގާތުން ބަލާނެ ކަމަށް ބެލެވެއެވެ.

ޓެކް އިންޑަސްޓްރީގެ އެނަލިސްޓް ޑޭން އައިވްސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ވަރަށް އުނދަގޫ ދަތުރެއް ކަމަށާއި، މުޅި ދުނިޔެއިން މި އަޑުއެހުންތަކަށް އިންތިޒާރު ކުރަމުންދާއިރު، އަންނަ ހަފްތާގައި ހުއާން ވޮޝިންގޓަން ޑީސީއަށް ދާއިރު އޭނާގެ ކޮނޑުގައި މުޅި ޓެކް ސެކްޓަރާއި އޭއައި އިންގިލާބުގެ ބުރަ އޮންނާނެއެވެ.

މީގެ އިތުރުން ހުއާންގެ ހެދުންއެޅުމާ މެދުވެސް ފާޑުކިޔުންތަކެއް އަމާޒުވެދާނެ ކަމަށް ބެލެވެއެވެ.

ކެލިފޯނިއާގައި ހުންނަ އެންވީޑިއާގެ މައި އޮފީހުގައި މުވައްޒަފުންގެ ކިބައިން މައާފަށް އެދުމަށް ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ހުއާން ވަނީ އޭނާ އާންމުކޮށް ލާ ކަޅު ލެދަރ ޖެކެޓް ދޫކޮށްލުމަށްފަހު ނޫކުލައިގެ މަޑު ކޯޓެއް ލާފައެވެ.

ގިނަ ބަޔަކު މި މަޑުމައިތިރި ހެދުންއެޅުން ސިފަކޮށްފައިވަނީ އޭނާ ކުރި ކުށަށް ދެރަވެ ހިތާމަކުރާ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ.

comment ކޮމެންޓް