ފުވައްމުލަކަށް ބޯޓަކުން މަސްތުވާތަކެތި ގެންދިޔަ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީ: ބޯޓަކުން ގެނައި ފޮށި ގަނޑެއް ބަލައި ފާސްކޮށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި---ފޮޓޯ/ ޔުނެސްކޯ

ފުވައްމުލަކު ސިޓީއަށް ބޯޓެއްގައި މަސްތުވާތަކެތި ގެންދިޔަ ކަމަށް ތުހުމަތުވާ މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އެ އޮޕަރޭޝަނުގައި، ފުވައްމުލަކަށް ބޯޓަކުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިއަދު 10:45ހާއިރު 40 އަހަރުގެ ދިވެހި އަންހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ 1،671 މައްސަލައެއް ހުށަހަޅާފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 64 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް