އަނެއްކާވެސް މާލެއިން ޒަޚަމްތަކަކާއެކު ފެނުނު މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އަނިޔާ ލިބިފައިވާ މީހަކު ރޭގެ 11:40 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.
"ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ އެ މީހާއަށް އަނިޔާތައް ލިބިފައި ވަނީ ކޮން ކަމަކާ ގުޅިގެންކަން މިހާތަނަށް އެނގިފައި ނުވާކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ ޒަޚަމްތަކާއެކު އެ ހޮސްޕިޓަލަށް ރޭ ގެނައި މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށެވެ. އެއީ އުމުރުން 27 އަހަރުގެ މީހެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ދާދި ފަހުންވެސް، މާލެއިން އަނިޔާތަކެއް ލިބިފައިވާ މީހެއް ފެނިފައި ވެއެވެ. އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.