ސިނގިރޭޓު ގަނެވޭ އުމުރު ބަދަލުކޮށްފި، ދެން އޮތީ ވޯޓު ލެވޭ އުމުރު 21 އަހަރަށް ބަދަލުކުރުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ ސަރުކާރުން މިހާރު އުޅެނީ ވޯޓުލެވޭ އުމުރު 21 އަހަރަށް ބަދަލުކުރަން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ސިނގިރޭޓު ގަނެވޭ އުމުރު 18 އަހަރުން 21 އަހަރަށް ބަދަލުކުރުމަށް ފަހު، ސަރުކާރުން މިހާރު އުޅެނީ ވޯޓުލެވޭ އުމުރު 21 އަހަރަށް ބަދަލުކުރަން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން "ފުދިއްޖެ ފުނޑިއްޖެ"ގެ ނަމުގައި މިރޭ ބޭއްވި ކަންމަތީ ޖައްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާކަމަށާއި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް މީހަކާ އިނދެވޭ ކަމަށެވެ.

އަދި ޖިނާއީ ކުށުގެ ޒިންމާ ވެސް 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކު ނަގަން ޖެހޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓުލުމުގެ ޙައްގު ހޯދައިދިނީ އެމްޑީޕީން ވަކާލާތުކޮށްގެން ކަމަށެވެ.

18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ޙައްގަކީ އެމްޑީޕީން ވަކާލާތު ކޮށްގެން އެމްޑީޕީން މަގުމައްޗަށް ނިކުމެގެން އެމްޑީޕީން މުޒާހަރާ ކޮށްގެން ދިވެހި ރައްޔިތުންނަށް ހޯދާދީފައިވާ ޙައްގެއް. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ 21 އަހަރު ނުފުރޭ ދިވެހިންނަށް ސިނގިރޭޓު ވިއްކުމާއި ގަތުން މަނާކޮށްފައި ވުން ދެކޮޅު ނުޖެހޭ ކަމަށެވެ.

އެމްޑީޕީއިން ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

އަޅުގަނޑުމެންގެ ތެރޭގައި ވަކަރައް ޖައްސަވާލެއްވުމަށްޓަކާ މިއަދުގެ ސަރުކާރުން ކުރައްވާފާއިވާ އެއްކަމެއް މީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ސިނގިރޭޓުގެ މައްސަލއިގަ، 18 އަހަރުފުރި 21 އަހަރު ނުފުރޭ މި ކެޓަގަރީގައި ތިބޭ މީހުންނަށް، ކުދީންނަށް، ސިނގިރޭޓު ވިއްކުންވެސް މަނާ، ގަތުންވެސް މަނާ [ކުރުމަކީ]. މި ވިދާޅުވާން އުޅޭ އެއްޗަކާ ދޭތެރޭ އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މިކަން މިގޮތަށް ކޮށްފައި މިވަނީ ގަސްތުގައި މަކާރާއި ހީލަތުން ކަމަށެވެ. އަދި މިއީ ޒުވާނުން ބަސް ބުނާ މިންވަރެއް ބެލުމަށް ކޮށްފައިވާ ކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއިން ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ޒުވާނުން މިކަމުގައި އެއްޗެއް ނުބުނެ ތިބެން ވެއްޖެނަމަ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަ މެޖޯރެޓީ ބޭނުންކޮށްގެން ވޯޓުލެވޭ މީހުންގެ އުމުރު 21 އަހަރަށް ބަދަލު ކުރާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެކުދީން ޗުއްޕުވެސް ނުބުނެ އަނގައިން ވެސް ނުބުނެ ތިބެން ވެއްޖެނަމަ ދެން އަންނަން އޮތީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީއަށް ގެންނަން އޮތް ނިންމުން. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެވޭނީ 21 އަހަރު ފުރުގެން ކަމަށް، ވޯޓު ލެވޭނީ 21 އަހަރު ފުރިގެން ކަމަށް ގާނޫނުއަސާސީ ބަދަލުކޮށްލުން. ސިނގިރޭޓާ ބެހޭގޮތުން މި ހަދާފަ އޮތް ގޮތަކީ މަކަރެއް ޖަހާލުން. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ އެމްޑީޕީން އެތައް މަސައްކަތެއް ކޮށްގެން ހޯދާދީފައިވާ ޙައްގު ދޫކޮށްނުލުމަށް އަދުގެ ޒުވާނުންނަށް ގޮވާލާފައެވެ. މިއަދު ބަހެއްނުބުނެ ފަހަތަށްޖެހި ތިބެންވެއްޖެނަމަ އޭގެ ސަބަބުން ދެން އަންނާނެ ކަންތައްތައް މާ ނުރައްކާތެރި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އަދި އެމްޑީޕީން ނިކުމެތިބީ ކެރިގެން ރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް