އޮޅުވާލައިގެން ޕާޓީތަކަށް ވެއްދުން: ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ހަދަން ގޮވާލައިފި

ސިޔާސީ ޕާޓީގެ ދަފުތަރަށް ޝަކުވާ ހުށަހަޅާ ފޯމެއް: ނޭނގި މީހުން ޕާޓީތަކަށް ވައްދާ މައްސަލަ ފެންމަތިވެފައިވާތީ ޓްރާންސްޕޭރެންސީން ވަނީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ހަދަން ގޮވާލައިފައި -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން މަކަރާއި ހީލަތުން ސިޔާސީ ފައިދާ ހޯދާ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ޓަކައި، ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނެއް ހަދަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އަނެއްކާ ވެސް މި ފަހުން ވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ފެންމަތިވެފައެވެ. މި މައްސަލައިގައި ތުހުމަތުތައް އަމާޒުވަމުންދަނީ ސަރުކާރު ހިންގާ ޕީއެންސީން، ސަރުކާރުގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އެ ޕާޓީއަށް މެންބަރުން އިތުރު ކުރި ކަމަށެވެ.

https://sun.mv/201330

މި މައްސަލައިގައި ޓްރޭންސްޕޭރެންސީން ނެރުނު ބަޔާނެއްގައިވަނީ ދައުލަތުގެ ރެކޯޑުތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ހޯދައި، ބޭނުންކުރުމަކީ ފަރުދުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުންކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނިޒާމުގެ ތެރެއިން އެއްވެސް ހުއްދައެއް ނުވަތަ ރުހުމަކާ ނުލައި، ފަރުދުންގެ ޒާތީ މައުލޫމާތު ސިޔާސީ ބޭނުންތަކަށް ޓަކައި ބޭނުންކުރެވޭގޮތަށް ފަހިވެފައި އޮތީ ކީއްވެގެންތޯ ބަލައި، މި ކަމުގައި ބައިވެރިވާ ފަރާތްތަކާމެދު މިނިވަން ތަހުގީގެއް ހިންގައި، ގާނޫނީ ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީން ގޮވާލާފައިވެއެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލައަކީ ޕާޓީ ނިޒާމު އުފެދުނީއްސުރެން ދިމާވަމުން އަންނަ މައްސަލައެކެވެ. އާންމުންނާއި މީޑިއާތަކުން އެ މައްސަލަތައް ތިލަކޮށް، ދޭތެރެ ދޭތެރެއިން ކަންބޮޑުވުން ފާޅު ކުރެއެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރު، އެ މައްސަލަ ހައްލުވެފައިނުވެއެވެ.

މިނިވަން މުއްސަސާތަކަކީ ސަރުކާރުގެ ހަރަކާތްތައް ބެލެހެއްޓުމާއި އަސާސީ ހައްގުތައް ރައްކާތެރުކުރުމާއި ހާމަކަން ކަށަވަރު ކުރުމުގައި ވަރަށް މުހިންމު ޒިންމާތަކެއް މަތިކުރެވިފައިވާ ފަރާތްތަކެއްކަން ފާހަގަކޮށް، އެ ޒިންމާ އެ ފަރާތްތަކުން އަދާނުކުރާތީ، ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކުރިއެވެ.

އެ ޖަމިއްޔާއިންވަނީ ސިޔާސީ ޕާޓީތައް ހިމެނޭގޮތަށް، ކަމާގުޅުންހުރި ފަރާތްތަކަށް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައެވެ. އެ ގޮތުން:

  • އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ މައްސަލަ ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އެޅުން
  • ރައްޔިތެއްގެ ރުހުމަކާ ނުލައި މަކަރާ ހީލަތުން ހަދާފައިވާ ރެކޯޑުތައް ފޮހެލުން
  • ޕާޓީތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، މި ފަދަ ކަންކަން މޮނިޓާ ކުރެވޭ ނިޒާމު ތައާރަފު ކުރުން
  • އީސީން ހަރުދަނާ ވެރިފިކޭޝަން ނިޒާމެއް ގެންގުޅުން
  • ހަރުދަނާ ޑާޓާ ޕްރޮޓެކްޝަން ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރުން

ވަގަށް ޕާޓީތަކަށް ވައްދާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ވަސީލަތްތައް އެ ތަނުގައި ނެތް ކަމަށެވެ.

https://sun.mv/201435

މި މައްސަލަ ހައްލުކުރުމަށް އީސީންވަނީ، ފެބްރުއަރީ 15 އިން ފެށިގެން ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ ހަމައެކަނި އީފާސް މެދުވެރިކޮށް ކަމަށް ނިންމައިފައެވެ.

މިހާރު ފުރާފައި ހުރި ކަރުދާސް ފޯމުތައް ވެސް، ޖެނުއަރީ 30ގެ ކުރިން އީސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުންވަނީ ސިޔާސީ ޕާޓީތަކަށް އަންގައިފައެވެ. އޭގެ ފަހުން ހުށަހަޅާ އެއްވެސް ކަރުދާސް ފޯމެއް އީސީން ބަލައިނުގަންނަނާނެއެވެ.

comment ކޮމެންޓް