"ޓޭންގަލްޑް" ރެޕަންޒެލްގެ ރޯލަށް ސެބްރީނާ ކާޕެންޓާ

ޑިޒްނީގެ މަގުބޫލު އޮރިޖިނަލް އެނިމޭޓެޑް ފިލްމު ކަމަށްވާ "ޓޭންގަލްޑް"ގެ ރެޕަންޒެލް ރޯލަށް އެކްޓަރެއް ހަމަޖެހިފައިވާ ކަމުގެ ވާހަކަތައް މިހާރު ދެކެވެން ފަށައިފިއެވެ.

ޑިޒްނީގެ މަޝްހޫރު ކެރެކްޓަރު ރެޕަންޒެލްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ފިލްމެއް ކަމަށްވާ ޓޭންގަލްޑް ނެރެފައިވަނީ 2010ވަނަ އަހަރުގައެވެ. މި ފިލްމުގައި ރެޕަންޒެލްގެ ވާހަކަ ތަފާތު ގޮތަކަށް ގެނެސްދީފައިވެއެވެ.

މިއީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނިމޭޝަނަކަށް ވާއިރު އެތައް ބަޔަކު މީގެ އިތުރު ބަޔަކަށް އިންތިޒާރު ވެސް ކުރާ ކާޓޫނެކެވެ. ނަމަވެސް ޑިޒްނީއިން ދާދިފަހުން އިއުލާނު ކޮށްފައިވަނީ މި ފިލްމުގެ ލައިވް އެކްޝަނެއް އުފައްދަން އުޅޭ ކަމަށެވެ.

ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުން ދާއިރު ފިލްމާ ގުޅޭ އިތުރު މައުލޫމާތު ތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ލީކް ތަކުން ބުނާގޮތުގައި މިހާރު ފިލްމުގެ ލީޑް ކެރެކްޓަރުގެ ރޯލު ކުޅޭނެ އެކްޓަރެއް ހަމަޖެހުމުގެ މަސައްކަތް ނިމުމާ ގާތް ވެއްޖެއެވެ. ލީކްތަކުން ބުނާގޮތުގައި ރެޕަންޒެލްގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ސެބްރީނާ ކާޕެންޓާ އެވެ.

ސެބްރީނާ އަކީ މިވަގުތު ހޮލީވުޑް މިއުޒިކްގައި އެންމެ ޑިމާންޑް ބޮޑު އެއް ތަރިއެވެ. އޭނާގެ މިއުޒިކް ދުނިޔޭގެ އެކި ޗާޓުތަކުގައި ވެސް އަންނަނީ އެއްވަނަ ހޯދަމުންނެވެ.

ސެބްރީނާ އަކީ ޑިޒްނީއަށް އާ ތަރިއެއް ނޫނެވެ. އެގޮތުން ޑިޒްނީގެ އެކި ޝޯތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ. އަދި އޭގެ އިތުރުން އޭނާ އަކީ ބްރޯޑްވޭ ޓްރެއިން ކޮށްފައިވާ ތަރިއެކެވެ. އެހެންވީމާ މި ރޯލަށް ސެބްރީނާ ފިޓުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޑިޒްނީގެ ލައިވް އެކްޝަން ރެޕަންޒެލް ފިލްމުގެ އިތުރު ކާސްޓުންގެ މައުލޫމާތެއް އަދި ނުލިބެއެވެ. އަދި މި ފިލްމު ނެރޭނެ ދުވަހެއްވެސް ނޭނގެއެވެ. ވާހަކަ ދެކެވޭ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފިލްމު އާންމުންނަށް ފެނިގެންދާނެއެވެ.

comment ކޮމެންޓް