ބެއިޖިންގް (18 ޖަނަވަރީ 2025) : ޗައިނާއިން ސްރީލަންކާގެ ހަކަތައިގެ ދާއިރާގައި 3.7 ބިލިޔަން ޑޮލަރު އިންވެސްޓް ކުރަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ސްރީލަންކާގެ އިންފްރާސްޓްރަކްޗަ ތަރައްގީ ކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
މި އިންވެސްޓްމަންޓްގެ ދަށުން ޗައިނާއިން ސްރީލަންކާގައި ބިނާކުރަނީ ތެޔޮ ސާފުކުރާ ބިޔަ ކާރުޚާނާ (ރިފައިނަރީ) އެކެވެ. މިއީ ސްރީލަންކާއަށް ބޭނުންވާ މިންވަރަށް ވުރެ މާގިނައިން ޕެޓްރޯލާއި ޑީސަލާއި ކެރޮސީންއާއި އެ ނޫން ވެސް ތެލުގެ އެކި ބާވަތްތަކާއި ޕެޓްރޯކެމިކަލްސްގެ ބާވަތްތައް އުފައްދާ ވަރަށް ޒަމާނީ ރިފައިނަރީއެކެވެ.
މިތަނުން އުފައްދާ ތެލާއި ޕެޓްރޯކެމިކަލްސްގެ ބާވަތްތަކުގެ ބޮޑުބައެއް ބޭރަށް އެކްސްޕޯޓް ކުރާގޮތަށް ވެސް ވަނީ ރާވާފައެވެ. މި ކަމާބެހޭ އެއްބަސްވުމުގައި ޗައިނާގެ ކަމާބެހޭ ކުންފުންޏާއި ސްރީލަންކާގެ މަސްއޫލުވެރިން ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ސޮއިކުރެއްވީ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ހާޒިރުގައެވެ.
މި މަޝްރޫއާ ބެހޭގޮތުން ދެއްވި ބަޔާނެއްގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވިދާޅުވީ މިއީ ސްރީލަންކާގެ އިގްތިސާދަށް އެނގުންވާނެ ހެޔޮ ބަދަލެއް ފެނިގެންދާވަރުގެ ބޮޑު މަޝްރޫއަކަށް ވާނެކަމުގައެވެ.
ކޮވިޑްގެ ދުވަސްވަރު ސްރީލަންކާ މާލީ ގޮތުން ބަނގުރޫޓް ވުމަށްފަހު އެ ގައުމު މިހާރު ދަނީ އެ ހާލަތުން އަރައިގަންނަމުންނެވެ. މި ހާލަތުން އެއްކޮށް އަރައިގަނެވޭނީ އަދި މުސްތަގްބަލްގައި މި ފަދަ ލޮޅުމަކުން ސަލާމަތް ވެވޭނީ އިގްތިސާދީ މިނިވަންކަމާއި އިގްތިސާދީ އިސްތިގްލާލް ސްރީލަންކާއަށް ލިބިގެންކަމަށް ރައީސް ޑިސަނަޔަކެ ވިދާޅުވިއެވެ.
އިގްތިސާދީ މިނިވަންކަމާއި އިގްތިސާދީ އިސްތިގްލާލް ހޯދޭނީ އިގްތިސާދީ ގޮތުން ސްރީލަންކާ އަމިއްލަ ފައިމައްޗަށް ތެދުވެވިގެންކަމަށާ ޗައިނާގެ މިއިންވެސްޓްމަންޓަކީ ސްރީލަންކާއަށް އާމްދަނީ ލިބޭ ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތުތައް ގިނަކޮށް އިތުރު ކުރުމަށް ރާވަފައިވާ ޕްލޭނަށް އެހީތެރިވުމަށް ޗައިނާގެ ކިބައިން އެދެމުން އެކަމަށް އެ ގައުމުން ދިން އިޖާބައިގެ ތެރޭގައި ހިމެނޭ މަޝްރޫއެއްކަން ރައީސް ޑިސަނަޔަކެ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ސްރީލަންކާގެ އެތައް ބަޔަކު ޕެޓްރޯކެމިކަލްސްގެ ދާއިރާއިން ޗައިނާގައި ތަމްރީންކުރާނެއެވެ. އެއީ މި ރިފައިނަރީ ބިނާކޮށް ނިމުމުން އެތަނުގައި މަސައްކަތް ކުރުމަށެވެ.
ސްރީލަންކާއަކީ ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަ ގައުމެކެވެ. އަދި ޗައިނާއާއެކު ސްރީލަންކާވަނީ ވަރަށް ބަދަހި ގުޅުންތަކެއް ވެސް ގާއިމްކޮށްފައިވާ ގައުމެކެވެ. ނަމަވެސް ސްރީލަންކާގެ ކުރީގެ ރައީސެއްކަމަށްވާ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާގެ ލޯން އެހީގައި ސްރީލަންކާގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައްވަނީ ނާކާމިޔާބުވެފައެވެ. ނަތީޖާއަކީ އޭގެ ގެއްލުން ސްރީލަންކާއަށް ތަހައްމަލް ކުރަންޖެހުމެވެ.
ޗައިނާގެ ބައެއް މަޝްރޫއުތައް ސްރީލަންކާގައި ނާކާމިޔާބުވީ އެއިން ނެރެވޭނެ ފައިދާއަށް ނުބަލައި ހަމައެކަނި ވެރިންގެ ސިޔާސީ ފައިދާއަށާއި ސިޔާސީ ކަންކަން ހާސިލް ކުރުމަށް އެމަޝްރޫއުތައް ގުރުބާން ކުރުމުގެ ނަތީޖާއެއްގެ ގޮތުންކަން ފަހުންވަނީ ހާމަވެފައެވެ.
މިއީ ސްރީލަންކާގެ އޭރުގެ ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ސަބަބުން ލިބުނު ގެއްލުމެއްކަން ވެސް ވަނީ ހާމަވެފައެވެ.
ސްރީލަންކާގެ އެ ތަޖުރިބާއަށް ބެލުމަށްފަހު ޗައިނާވަނީ ގައުމުތަކަށް ލޯން ދިނުމުގައި އެގައުމު ގެންގުޅޭ ސިޔާސަތު އަލުން މުރާޖައާކޮށްފައެވެ. މިއާއެކު ލޯނު ދިނުމުގެ ކުރިން އެލޯން ބޭނުންކުރަން ރާވާފައިވަނީ އެއިން ފައިދާ ލިބޭފަދަ ހެޔޮގޮތުގައިތޯ ބަލައި ކަށަވަރު ކުރުމުގެ ކަންކަންވަނީ ވަރުގަދަކޮށްފައެވެ.
ފައިދާ ނުލިބޭނެ މަޝްރޫއުތަކަށް ލޯން ނުލިބޭގޮތަށްވެސް ގިނަ ކަންތައްތަކެއް ވަނީ ބަދަލުކޮށްފައެވެ. އަދި ލޯނުގެ މިންގަނޑުތަށް ވެސް ވަނީ ކުރިޔަށްވުރެ ހަރުކަށި ކޮށްފައެވެ.