އޭސީސީއަށް 2 ބޭފުޅެއްގެ ނަން ކޮމިޓީއަށް ފޮނުވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އޭސީސީއަށް އައްޔަން ކުރާ ދެ މެންބަރުންނަށް ރުހުން ހޯދަން ކޮމިޓީއަށް ފޮނުވައިފި -- ފޮޓޯ/ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަލަށް އައްޔަންކުރަން ދެ މެންބަރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ދައުރުން ބޭރުން މިއަދު ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ އޭސީސީއަށް އަލުން މެންބަރުން އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅެއް އިއްވާފައެވެ. އެގޮތުން، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރަން އެ ސިޓީގައި ނަން ފޮނުއްވާފައިވާ އާންމުކޮށް އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިގެން ކުރިމަތިލި މީހުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ނަމެކެވެ.

އައްޔަންކުރާ ދެ މެންބަރުންނަކީ:

  • މއ. ގޯލްޑަން މޫން، އަހުމަދު ނާޝިދު
  • ރ. ހުޅުދުއްފާރު، ރޯޒް ވިލާ/ އާސިޔާ އަޒީމާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އޭސީސީއަށް އައްޔަންކުރަން ރައީސް ފޮނުއްވި ދެ ބޭފުޅުންނަށް ރުހުން ހޯދަން މަޖަލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އޭސީސީއަށް ދެ މެންބަރުން އައްޔަންކުރަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެންބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަލާމާއި ތޯހާ އިސްތިއުފާ ދެއްވާފައިވަނީ ދެ ބޭފުޅުން މަގާމުން ދުރުކުރަން މިދިޔަ ނޮވެންބަރު މަހުގެ 24ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް