އަތޮޅު ކައުންސިލްތަކުގެ ޒިންމާ އެލްޖީއޭއާ ހަވާލުކުރުން ގާނޫނުއަސާސީއާ ޚިލާފު: ސުއޫދު

ހުސްނުއްސުއޫދު: އަތޮޅު ކައުންސިލްތަކުގެ ޒިންމާ އެލްޖީއޭއާ ހަވާލުކުރުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަތޮޅު ކައުންސިލްތަކުގެ ޒިންމާތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ހަވާލުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ. އެލްޖީއޭއިން ބުނެފައިވަނީ ކައުންސިލްތައް އުވާލުމުން އެ ޚިދުމަތްތައް ދިނުމުގެ ގާނޫނީ މަސްއޫލިއްޔަތު މިހާރު އޮތީ އެ އޮތޯރިޓީއަށް ކަމަށެވެ. ނަމަވެސް، ރައްޔިތުން އިންތިޚާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީން ހުއްދަ ނުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މިއީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރެއިން އައިސްފައިވާ މައްސަލައެކެވެ.

  • އަތޮޅު ކައުންސިލްތަކުގެ ޒިންމާ އެލްޖީއޭއާ ހަވާލުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ސުއޫދު ވިދާޅުވުން.
  • އަތޮޅު ކައުންސިލްތައް އުވާލުމުން އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއަށް ބަދަލުވާނެކަމަށް އެ އޮތޯރިޓީން ބަޔާންކުރުން.
  • ރައްޔިތުން އިންތިޚާބު ނުކުރާ ފަރާތަކުން އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީން ހުއްދަ ނުކުރާކަން ފާހަގަކުރުން.
  • ސަރުކާރަށް ލޯކަލް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެ، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުން.

އަތޮޅު ކައުންސިލްތަކުގެ ޒިންމާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ހަވާލުކުރުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެއެވެ.

އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އަތޮޅު ކައުންސިލުތައް އުވާލުމުން އެ އިދާރާތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ ގާނޫނީ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުތަކުގެ ޒިންމާތައް އެލްޖީއޭއަށް ބަދަލުވެ، އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ އޮފީސްތައް އުފެއްދުމުގެ ފުރުޞަތު މިހާރު އޮންނާނެ ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، އަތޮޅު ކައުންސިލްތައް އުވާލުމަކުން ލާމަރުކަޒީ ނިޒާމު ހިންގުމަށް އެއްވެސް ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެލްޖީއޭއިން ވަނީ ދީފައެވެ.

https://sun.mv/220710

އެލްޖީއޭގެ ބަޔާން ހިއްސާކުރައްވައި ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން އިންތިޚާބު ނުކުރާ ފަރާތަކުން އިދާރީ ދާއިރާއެއް ހިންގުން ގާނޫނުއަސާސީން ހުއްދަ ނުކުރާ ކަމަށެވެ. އަދި ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ނުކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސުއޫދު ވިދާޅުވީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލްތަކުން އިދާރީ ދާއިރާތައް ހިންގުމަކީ 2008ގެ ގާނޫނުއަސާސީން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށެވެ. އެގޮތުން، އެ އުސޫލަކީ ގާނޫނުއަސާސީގެ މައިގަނޑު ސިފައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަތޮޅު ކައުންސިލްތައް އުވާލުމަކުން ރައްޔިތުން އިންތިޚާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ،" ސުއޫދު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނާނެ ކަމުގެ ވައުދުފުޅާއެކު ކަމަށްވާއިރު، އޭގެ ތެރޭގައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދުމާއި އަތޮޅު ކައުންސިލްތައް އުވާލުން ހިމެނެއެވެ.

އެހެންނަމަވެސް، އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ހަނިވާ ކަމަށް ބުނެ ސަރުކާރަށް އޮތީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

އޭގެ ފަހުން ރައީސްގެ ކެބިނެޓަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލުން ހިމެނެއެވެ.

އެ ބަދަލުތައް ގެނައީ 10 މިނިސްޓަރުން އިސްތިއުފާ ދެއްވުމުން ކަމަށްވާއިރު، ރައީސް އޮފީހުން ވަނީ އެ މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ރޫހާ އެއްގޮތަށް ސަރުކާރު ހިންގަން ފުރުސަތު ދިނުމަށް ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2019 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހު ކުއްލި ގޮތަކަށެވެ.

އެއީ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލައެއް އެ ކޯޓުން ބަލައިގަތް ފަހުންނެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް އޮތް ދުވަހު، ސުއޫދާއި އިތުރު ދެ ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކުރި ފަހުންނެވެ. އޭގެ ފަހުން ސުއޫދު ވަނީ މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް